ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވެކްސް އިން ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖު އަދި އެހެނިހެން އާލަތްތައް ކޮވެކްސް އިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވެކްސްއަކީ، ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ. މި އިނީޝިއެޓިވް އުފައްދާފައި ވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީ.އީ.ޕީ) އައި، ގްލޯބަލް އެލާޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ)، އަދި ޔުނިސެފް އިން ގުޅިގެންނެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 145,768 އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާ އިރު، ސަރުކާރުގެ އަމާޒަކީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަ ކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.

މި ދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. ވެކްސިން ޖަހަން ފެށީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން އެފްޑީއޭއިން އެޕްރޫވް ކުރުމާއެކުއެވެ. އޭރު އިންޑިއާއިން ހަދިޔާކުރި ކޮވިޝިލްޑްގެ އެއް ލައްކަ ޑޯޒްގެ ވެކްސިން ހުސްވެފައިވާއިރު، ފަހުން ހަދިޔާ ކުރި އެއް ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރައްޔިތުން ގަޔަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ރާއްޖޭގައި ޖަހާފައި ވަނީ ހަމައެކަނި ކޮވިޝީލްޑް ވެކްސިނެވެ.