ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީން ކަމަށް ކުރިއަތް އޮތް ތަނުގައި ގައުމުތަކުން އެދޭނެތީ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ތައާރަފްކުރުން ކަމަށެވެ.

ވެކްސިން ނުޖަހާނަމަ ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކާ ކުރިމަތިލުމަކީ ގާތްކަމެއްކަމަށާއި މިހާރުވެސް ބައެއް ގައުމުތަކުގައި ވެކްސިން ގްރީން ކާޑު ތައާރަފް ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ. އޭރަށް ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ވެސް ނުޖެހޭނެ.
ހެލްތު މިނިސްޓަރ

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ އަމާޒަކީ ބޮޑު އާބާދީ އޮންނަ ރަށްރަށުން އަވަހަކަށް ވެކްސިން ޖަހާ ނިންމާލުން ކަމަށާ އެގޮތުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ގިނަ އަދަދެއްގެ މީހުން ވެކްސިން ޖަހާފައިވާކަމަށެވެ.

ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ ވެކްސިންއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީން ބުނެފައިވަނީ މި ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފަހުން ކަމަށެވެ.

ހެލްތް މިނިސްޓަރު އެފަދައިން ވިދާޅުވެފައި ވާއިރު، މިހާރު ރާއްޖޭގައި އޮންނަ އުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހެއެވެ.