ދިރާސީ އާ އަހަރު ދެން ފެށޭނީ އޮގަސްޓު މަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ބާއްވަމުން ދާ ޕްރެސްގައި ބުނީ މީގެ ފަހުން ދިރާސީ އާ އަހަރު ފެށޭނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓުމަހު ކަމަށާއި ދެންް ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ކަމަށެވެ.

މިކަމާ ބެހޭގޮތުން އިތުރު ތަފްސީލު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އަހަރު ފެށޭ ދުވަހަށް ބަދަލު ގެނެސްފައި ވަނީ ވަރަށް ގިނަ ބަޔަކާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާގެ ގުޅުން ހުރި އަދި ދަރިވަރުންގެ ކަންތައްތަކާ ގުޅުން ހުރި ހުރިހާ ފަރާތްތަކާއެކު ވެސް މަޝްވަރާ ކޮށްފައި ވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މަޝްވަރާ ކުރި ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ފަރާތްތަކުން ވެސް މި ބަދަލަށް ތާއިދު ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހެދި ސާވޭއެއްގައި ވެސް ހުރިހާ ފަރާތްތަކުން އެކަމަށް ތާއީދު ކޮށްފައި ވާ ކަން ފާހަގަ ކޮށްފައިވާ ކަމަށް އިހުސާނު ވަނީ ވިދާޅުވެފައެވެ.

އެޑިއުކެޝަން މިނިސްޓްރީން އަބަދުވެސް ނިންމުމެއް ނިންމާއިރު ބަލަނީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމުމަށް ކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިބަދަލާއެކު ދަރިވަރުންނަށް ލިބޭ ގިނަ ފައިދާތަކެއް އެބަ ހުރި ކަމަށާއި އޭގެ ތެރޭގައި ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ލިބޭ ފުރުސަތު ދަރިވަރުން ބޭނުން ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެކި އިންޑަސްޓްރީތަކުގައި ދަރިވަރުން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ކުރިން ބަންދު ކުރުމަށް ފަހުން ސްކޫލުތައް ހުޅުވާ، 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 10 ގައެވެ.

މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ މައްޗަށް އަރާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެ ހަފްތާއަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އަށް، ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައެވެ.

އެ ނިންމުން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.