ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑު ކުރި ދ. މީދޫ ކައުންސިލްގެ ތިން މެމްބަރުންނަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ޖަވާބުދާރީ ވެފައިނުވާ ކަމަށް އެލްޖީއޭއިން ބުނެފިއެވެ.

އެލްޖީއޭއިން ބުނީ ކައުންސިލަރުންނާ މެދު އޮތް ތުހުމަތުތަކަށް ޖަވާބުދާރީވާން 7 ދުވަސް ދީ، އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދަން އެދުނު ކަމަށެވެ. ނަމަވެސް އެލްޖީއޭއަށް ލިބިފައި ވަނީ އޭގެ ތެރެއިން ވަރަށް މަދު ލިޔެކިޔުންތަކެއް ކަމަށާ މިހާތަަނަށް އެއިން ބޭފުޅަކު ޖަވާބު ދާރީވެސް ނުވާކަމަށް ބުނެއެވެ.

މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހަށް އެލްޖީއޭއިން ސަސްޕެންޑް ކޮށްފައިވަނީ މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގެވެ.

އެ ތިން ކައުންސިލް މެމްބަރުންނާއި ގުޅިގެން އެލްޖީއޭއިން ނުވަ މައްސަލައެއް ބަލާފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.

އޭގެ ތެރޭގައި ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ކައުންސިލަށް ގަވާއިދުން ހާޒިރުނުވާ މައްސަލައާ ކައުންސިލުގެ އާންމު ބައްދަލުވުންތައް ގަވާއިދުން ނުބޭއްވުމާއި ރައްޔިތުންނާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ނުބޭއްވުމާއި އިއުލާނުކުރުމެއް ނެތި އަމިއްލަ ފަރާތަކަށް ބިންދޫކުރުމާއި ގަވާއިދާ ހިލާފަށް ބިން ދޫކުރުން ފަދަ މައްސަލަތައް ހިމެނެއެވެ.