ގއ. ދެއްވަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

ދެއްވަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ މިމަހު އެއް ވަނަ ދުވަހު އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެމީހާ ކަރަންޓީނުގައި ހުރިއިރު ބަޔަކާ ބައްދަލުވެފައިވާ ކަމަށް ބެލެވޭތީ ބަލަންޖެހޭ ކަންތައް ބެލުމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެސް ދެއްވަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ދެއްވަދޫން ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓީނުން ދޫކޮށްލި ފަހުން ނަތީޖާ ޕޮޒިޓިވް ވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވް ކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ދެއްވަދޫ އެ ކްލަސްޓާއާ ގުޅިގެން 85 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ދެއްވަދޫ އިން ޕޮޒިޓިވީ 69 މީހުންނެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ އަތޮޅު ވިލިނގިލި އައި ދާންދޫ އާއި ލ. ފޮނަދޫ އަދި ހުޅުމާލެއިން ވަނީ ކޭސްތަކެއް ފެނިފައެވެ.