އއ. މާޅޮހުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މާޅޮހުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހަވީރު 5:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ، އުމުރުން 12 އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ. އެނޫން އިތުރު މައުލޫމަތެއް އަދި ނުލިބެއެވެ.

ކުޑަކުދިން އެކަނި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވާ ހާދިސާތަކަކީ ރާއްޖޭގައި މަދުން ނަމަވެސް ހިނގަމުންދާ ހާދިސާތަކެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު 19ގައި ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. އެއީ ރ. ފައިނުގައި، 5 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނު ހާދިސާއެކެވެ.

މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހު 29ގައި އދ. ފެންފުށީގައި ވަނީ 4 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައެވެ. ހަމައެއާއެކު، ޖުލައި 4، 2019ގައި މާފުށީގައި ވެސް ވަނީ 4 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައެވެ. މި ތިން ކުދިން ވެސް މޫދުން ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.