ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ 2019 ވަނަ އަހަރުގެ ހިއްސާއަކަށް ޖެހުނު ފައިސާ އެކައުންޓްތަކަށް ޖަމާކޮށްދޭން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ 26 ރުފިޔާއަށް ހިއްސާއެއްގެ މަގުން ބެހުމަށް ފާސްކުރި ފައިދާގެ ޖުމްލަ 139,929,920 ރުފިޔާ، ހިއްސާދާރުންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށާފައި ވާކަމަށެވެ.

އެގޮތުން އޮގަސްޓް 18، 2020 ގެ ނިޔަލަށް ހިއްސާދާރުންގެ ލިސްޓުގައި ހިމެނިފައިވާ އެންމެނަށް މިހާރު ހިއްސާގެ ފައިދާ ޖަމާކޮށްދީފައި ވާ ކަމަށްވެސް ބޭންކުން ބުނެއެވެ. އަދި އެ ތާރީހާ ހަމައަށް އެ ލިސްޓުގައި ހިމެނިފައި ނުވާ ހިއްސާދާރުންގެ ހިސްސާގެ ފައިސާ އެކައުންޓަށް ނުވަތަ އެކައުންޓް ބަދަލުކުރަން ބޭނުން ނަމަ އަންނަ އޭޕްރީލް 30 ގެ ކުރިން އެކަން ކުރުމަށް ވެސް ވަނީ އެދިފައެވެެ.

އެގޮތުން ހިއްސާދާރުންގެ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށް ފަހު ބީއެމްއެލްގެ މައި އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަ އެ ބޭންކުގެ ބްރާންޗަކަށް ނުވަތަ އީމެއިލް ކުރުމަށް އެ ބޭންކުން އެދެއެވެ.

2019 ވަނަ އަހަރުގެ ބެންކުގެ ފައިދާއިން ހިއްސާއަކަށް 26 ރުފިޔާ ބަހަން ފާސް ކުރީ އޮގަސްޓް 31، 2020 ގައި ބެއްވި 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.