ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައި ވާ ކާފިއުގެ މުއްދަތު އިތުރު 7 ދުވަހަށް އިތުރު ކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭން ބުނީ ކުރިއަށް އޮތް ހަތް ދުވަހަށް މާލެ ސިޓީގައި އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ހުއްޓާލުމަށް އެންގި މުއްދަތުވެސް އެޗްޕީއޭން ވަނީ އިތުރު ކޮށްފައެވެ. މިހާރު އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 8:00 އެވެ.

އެތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8 އިން ފެށިގެން ހުއްޓާލުމަށް އަންގާފައި ވާއިރު، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އެޗްޕީއޭއިން އަންގާފައެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުން
  • ދުވުމަށް ހާއްސަކޮށްފައި ވާ ޓްރެކުތައް ބަންދުކުރުން
  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުން

އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އަޅާފައިވާ ފިޔަވަޅުތައް:

  • ޖިމްތަކުގައި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
  • ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުން
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުން
  • ޑޭ ކެއަގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓާލުން

އެޗްޕީއޭއިން ބުނީ، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި އެޗްޕީއޭގެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާ ކަމަށެވެ.