އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފިއެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އަދިވެސް އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަދި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.
މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި 13 ވަނަ ފަހަރެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފައި ވަނީކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.
އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިދިޔަ މަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައި ވާއިރު، ކޮވިޑް އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައިވާ މުއްދަތު ކުރިއަށް އޮތް 14 ދުވަހަށް އިތުރު ކޮށްފައި ވަނީ މިދިޔަ މަހުއެވެ.
މާލެ ސަރަހައްދުގައި ކާފިއު ވަގުތެެއްގެ ގޮތުގައި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ހަމަޖައްސާފައި އޮތް އިރު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ވަގުތަކީ އިރުއޮއްސި 6 އިން ހެނދުނު 6 އަށެވެ.