މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދިވެހިންނަށް އަމާޒުކޮށްގެން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ އެ ވަޒީފަތަކުގެ ތެރޭގައި ހިމެނެނީ ހެވީ ވެހިކަލް އޮޕަރޭޓާ، ވެލްޑާ، ކާޕެންޓާ، މޭސަންސް، މެކޭނިކްސް، އަދި ސައިޓް ސުޕަވައިޒަރުންގެ ވަޒީފާތައް ކަމަށެވެ. އަދި އެ ވަޒީފާތަކުން އެންމެ ދަށް މުސާރައެއްގެ ގޮތުގައި 10،000 ރުފިޔާ ކަނޑައަޅާފައިވާ ކަަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދީ، އަދި އެކުންފުނީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރު ކުރުން ކަމަށެވެ.

އެގޮތުން އެކި ޕްރޮޖެކްޓު ތަކުގައި މަސައްކަތް ކުރާނެ 254 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާ މާދަމާ އިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 5:00 އަށް، މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގައި ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ވަޒީފާތަކަށް ބޭރު މީހުން ނަގާނީ، އެކަށީގެންވާ މިންވަރަށް ދިވެހިން ނުލިބިއްޖެ ހާލަތެއްގައި ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

އެމްޓީސީސީގައި މިވަގުތުވެސް 2183 މުވައްޒަފުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަލަށް 50 މަޝްރޫއު ހިނގަމުން އަންނައިރު، ކުރިއަށް އޮތް ދުވަސްތަކުގެ އިތުރު 21 މަޝްރޫއު ފެށިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 11 މަޝްރޫއުއެއްގެ މަސައްކަތް މިމަހުގެ ތެރޭގައި އެކަނިވެސް ފެށިގެން ދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.