ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދޭން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު އިއްޔެގެ ނިޔަލަށް މާލެއިން ވެކްސިން ޖަހާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 77،251 އެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 39،864 އެވެ. ޖުމްލަ 117،115 މީހުން ގަޔަށް މިހާރު ވެކްސިން ޖަހާފައިވާއިރު ވެކްސިން ޖަހާ މިހުންގެ އަދަދު މި ފަހުން ވަނީ މަދުވާން ފަށާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ލަފާ ދެއެވެ. އަދި ހުކުރު ދުވަހަކީ މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ދުވަހެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.