ސުލްހައަށް މަސައްކަތް ކުރުމުގެ ރޮނގުން ބައިނަލްއަގުވާމީ ފެންވަރުގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެއް އެވޯޑްގެ ގޮތުގައި ސިފަކުރާ ނޮބޭލް ސުލްހައިގެ އިނާމުގެ މިއަހަރުގެ އެވޯޑަށް، 329 ކެންޑިޑޭޓެއްގެ ނަން ހުށަހަޅާފައި ވާ ކަމަށް، ނޯވޭގް ނޮބޭލް ކޮމިޓީއިން އިއުލާން ކޮށްފިއެވެ.

ނޮބޭލް ސުލްހައިގެ އިނާމުގެ ތާރީހަށް ބަލާއިރު، މިއީ 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ދަފްތަރު ކުރި ފަހަރެވެ. މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ލިސްޓު ކުރީ 2016 ވަނަ އަހަރުއެވެ. އެ އަހަރު، 376 ކެންޑިޑޭޓެއް ލިސްޓު ކުރިއެވެ.

މި އަހަރުގެ ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ކޮށްފައިވާ 329 ކެންޑިޑޭޓުންގެ ތެރޭގައި، 234 ވަކި ފަރުދުންނާއި، 95 ޖަމިއްޔާއެއް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ނޯވޭގެ ނޮބޭލް ކޮމިޓީ އެކުލެވިގެން ވަނީ، ނޯވޭގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅާ 5 މެންބަރެއްގެ މައްޗަށެވެ. ނޮބޭލް ސުލްހައިގެ އިނާމް އެވޯޑް ކުރަނީ ނޯވޭގެ އޮސްލޯގައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ ނޮބޭލް ސުލްހައިގެ އިނާމަށް ވާދަކުރާ ވަކިވަކި ފަރުދުންނާ، ޖަމިއްޔާ/ޖަމާއަތްތަކުގެ ތެރޭގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)، ރަޝިއާގެ އިދިކޮޅު ލީޑަރު އެކެލްސީ ނަވާލްނީ، ބްލެކް ލައިވްސް މެޓާ މޫވްމަންޓް އަދި ވައިޓްހައުސްގެ ކުރީގެ މުޝީރު ޖެރާޑް ކުޝްނާ ހިމެނެއެވެ.

2020 ވަނަ އަހަރު، ނޮބޭލް ސުލްހައިގެ އިނާމު ކަށަވަރުކުރީ، އދގެ ކާބޯތަކެއްޗާ ބެހޭ މަޝްރޫއު، ވޯލްޑް ފުޑް ޕްރޮގްރާމްއިންނެވެ.