ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް އޭޓީއެމްތައް ބޭނުން ކުރާ އިރު ފައިސާ ނޫން އެއްޗެހި އޭޓީއެމް ތެރެއަށް ނުލާން ބީއެމްއެލް އިން އެދިއްޖެއެވެ.

ބީއެމްއެލް އިން ބުނީ މިހާރަކަށް އައިސް ނަގުދު ފައިސާ ނޫން އެހެން ބައެއް ތަކެތި އޭޓީއެމްއަށް ލުމުގެ ސަބަބުން ހިދުމަތް މެދުކެނޑިގެން ދާކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ

އެގޮތުން މިފަދަ ހާލަތްތަކުގައި ހިދުމަތް ދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން އޭޓީއެމް ބަހައްޓާފައިވާ ރަށަކަށް ދަތުރުކުރަންޖެހޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި މިހާރުގެ ރާއްޖޭގެ ހާލަތަށް ބަލައި އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިން އާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކުގެ މަސައްކަތްތައް ބައްޓަންކުރެވިފައިވުމާއެކު ރަށަކަށް މުވައްޒަފުން ދަތުރުކޮށް މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އޭގެ އިތުރުން އޭޓީއެމްއަށް ލިބޭ ގެއްލުމަށް ބަލައި، އެކަމެއް ރަނގަޅުކޮށް އަލުން ހިދުމަތްދޭން ފެށުމަށް ރާއްޖޭން ބޭރުން އާލާތްތައް ގެންނަންޖެހޭ ފަހަރު ވެސް އަންނަ ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލް އިން ބުނީ މިހާރުގެ ހާލަތަށް ބަލާއިރު މިކަމަށް ވަގުތު ހޭދަވުމާއެކު ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތު އިތުރުވެގެންދާ ކަމަށެވެ. އެގޮތަށް ހިދުމަތް މެދުކެނޑިގެން ދިޔުމަކީ ބޭންކުގެ ކަސްޓަމަރުންނަށާއި އެ ރަށެއްގެ ރައްޔިތުންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އޭޓީއެމް މެދުވެރިކޮށް ސެލްފް ސާވިސް ބޭންކިން ހިދުމަތް މެދުނުކެނޑި މުޖުތަމައުއަށް ލިބޭނެހެން ކަސްޓަމަރުން އަމަލުކުރުމަށް ބިއެމްއެލް އިން ވަނީ އެދިފައެވެ.

އެ ގޮތުން ހަމައެކަނި ނަގުދު ފައިސާ އޭޓީއެމްއަށް ލުމަށާއި ހިދުމަތް ބޭނުންކުރުމަށް އޭޓީއެމް ސެންޓަރުގައި ހުރި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.