އެމެރިކާގެ ކެލިފޯނިއާގައި ޓްރެފިކް ގަވައިދާ ހިލާފުވި ޑޮކްޓަރަކާ ދެކޮޅަށް އުފުލި ދައުވާގެ އަޑުއެހުމަށް، ސާޖަރީ ހަދަމުން ހާޒިރުވެއްޖެއެވެ.

ސެކްރަމެންޓޯ ސުޕީރިއާ ކޯޓުގައި، ޒޫމް މެދުވެރިކޮށް ކުރިއަށް ދިޔަ އަޑު އެހުމަށް، ޑރ ސްކޮޓް ގްރީން ހާޒިރުވެ، އަޑުއެހުން ކުރިއަށް ގެންދިޔައީ، ޕޭޝަންޓެއްގެ ހަށިގަނޑުގައި ސާޖަރީ ހަދަމުންނެވެ. ކޯޓުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ސާޖަރީއާއެކު މަންޒަރުތައް ލައިވްސްޓްރީމް ކުރަމުންދިޔައިރު، އަޑުއެހުމުގައި ބައިވެރިވި ގިނަ ބަޔަކަށް ވަނީ ސިހުން ގެނުވާފައެވެ. ސާޖަރީ ހަދަމުން ދިޔަ ޕޭޝަންޓުގެ މަންޒަރުތައް ކެމެރާއަށް އަރާފައެއް ނުވެއެވެ.

ކޯޓު ކޮމިޝަނަރު ގޭރީ ލިންކް ޒޫމް ކޯލުގައި ބައިވެރިވެވަޑައިގަނެ، އޭނާއަށްވެސް ހައިރާންކަން ލިބިވަޑައިގަތުމާއެކު، އެ ދުވަހުގެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ. އަޑުއެހުން ފަސްކުރީ، ކޯޓަށް ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދެވޭނެ ކަމަށާ، ޕޭޝަންޓަށްވެސް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވޭނެ ކަމަށް ވިދާޅުވެއެވެ.

މިއީ މިފަދަ ގޮތަކަށް ޑޮކްޓަރަކު ކޯޓަށް ހާޒިރުވި ފުރަތަމަ ފަހަރު ކަމަށް ހަބަރު ލިބެއެވެ. ސާޖަރީއެއް ހަދަމުން، ޝަރުއީ މަރުހަލާގައި ބައިވެރިވި މައްސަލަ، ކެލިފޯނިއާގެ މެޑިކަލް ބޯޑުގެ ރާޑަރަށް ވަނީ އަރާފައެވެ. އެހެން ކަމުން، ޑރ ގްރީންއަށް ކުރިމަތިލާން ޖެހިފައިވާ ޝަރުއީ މައްސަލަތަކުގެ ލިސްޓު ދިގުވާނެ ކަމަށް ބެލެވެއެވެ.

ޑރ ގްރީންއަކީ ޕްލާސްޓިކް ސާޖަންއެކެވެ.