ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށް، ފުރަގަސްފަރާތުން ސާމްޕަލް ނަގަމުން ދިއުން ހުއްޓާލުމަށް، ޖަޕާނުން ޗައިނާއަށް ގޮވާލައިފިއެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ނަމުގައި، ޖަޕާނުގެ ރައްޔިތުންގެ ފުރަގަސްފަރާތުން ސާމްޕަލް ނެގުން ހުއްޓާލުމަށް، ޖަޕާނުން ޗައިނާއަށް ގޮވާލާފައި ވާއިރު، މި އުސޫލުން ސާމްޕަލް ނެގުމަކީ ނަފްސާނީ ގޮތުން ދެވޭ ބޮޑު އަނިޔާއެއް ކަމަށްވެސް ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ކަޓްސުނޯބޫ ކާޓޯ ވިދާޅުވީ، ފުރަގަސްފަރާތުން ސާމްޕަލް ނެގުން ހުއްޓާލާނެ ކަން، ޗައިނާއިން ރަސްމީ ކޮށް ޖަޕާނުގެ ސަރުކާރަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން، މިކަން ހުއްޓާލުމަށް އެދި ޗައިނާއަށް ގޮވާލަމުން ދާނެ ކަމަށްވެސް ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

ކަޓްސުނޯބޫ ވިދާޅުވީ، ފުރަގަސްފަރާތުން ސާމްޕަލް ނަގަން ޖެހޭ ކަމުގެ ޝަކުވާ، ޗައިނާގައި ހުންނަ ޖަޕާނުގެ އެމްބަސީއަށް، އާންމު މީހުން ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި ޗައިނާއިން މިފަދަ ގޮތަކަށް ޓެސްޓު ކޮށްފައި ވަނީ ކިހާ އަދަދެއްގެ ރައްޔިތުނެއް ކަން ސާފު ނުވާ ކަމަށްވެސް ކަޓްސުނޯބޫ ވިދާޅުވިއެވެ.

ކޮވިޑް-19ގެ އެންމެ ކޭހެއްވެސް "ދުވިޔަ ނުދިނުމަށް" ޗައިނާއިން ހިފާފައިވާ އަމާޒުގެ ތެރެއިން، ޗައިނާގެ ބައެއް ސިޓީތަކުން ފުރަގަސްފަރާތުންވެސް ސާމްޕަލް ނަގަމުންނެވެ.

އެމެރިކާގެ ޑިޕްލޮމެޓަކަށްވެސް މިކަން ކުރަން ޖެހިވަޑައިގެންނެވިއިރު، ޗައިނާގެ ހާރިޖިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.