ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ އުސޫލުތަކާ "ސިންގާ އާއި ބަކަރި" ވާހަކައިގައި ބަކަރި ދައްކާ އުޒުރުތަކާ ތަފާތެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ކޮވިޑުން ރައްކާތެރި ވުމަށް މިސްކިތުގައި ނަމާދު ކުރާއިރު ގައިދުރު ކަން ދެމެހެއްޓުމަށް އެޗްޕީއޭއިން އަންގާފައި އޮތުމުންނެވެ.

ކުޑަކުދިންނަށް ކިޔައިދޭ ވާހަކައެއްގެ މިސާލު ނަންގަވަމުން އިޔާޒް ވިދާޅުވީ، ސިންގާއާއި ބަކަރި ވާހަކައިގައި، ސިންގާ އުޅެނީ ބަކަރި ކާލަން ކަމަށާއި ބަކަރި ސަލާމަތް ވުމަށް އެކިއެކި އުޒުރުތައް ހުށަހެޅި ނަމަވެސް އެ ސޮރަށް ސަލާމަތް ވެވޭނެ އެއްވެސް މަގެއް ނުފެންނަ ކަމަށެވެ. ރާއްޖޭގައި ކޮވިޑުން ރައްކާތެރި ވުމަށް އެޗްޕީއޭއިން ވެސް އުސޫލުތައް މި ނެރެނީ އެގޮތަށް ކަމަށް އިޔާޒް ވިދާޅުވިއެވެ. އެ ގޮތުން މިސްކިތްތައް ބަންދުކޮށްގެން ނޫނީ އެޗްޕީއޭއަށް ކޮވިޑް ކޮންޓްރޯލް ކުރެވޭ ކަމަށް ނުވާ ކަމަށް ވިދާޅުވެ ވަނީ ފާޑު ވިދާޅުވެފައެވެ.

މިސްކިތްތަކަށް އަރާ މީހުންގެ ފަރާތުން ކޮވިޑް ފެތުރޭ ކަމަށް އެޗްޕީއޭގެ އެއްވެސް ދިރާސާއަކުން ފެންނަން ނެތް ކަމަށާއި އެހެންކަމުން ޖަމާއަތް ހުއްޓުވަން ނުވަތަ ގައިދުރުކޮށް ނަމާދު ކުރަން ބުނާ ބުނުމަކީ ބާތިލް ބުނުމެއް ކަމަށް އިޔާޒް ވިދާޅުވެއެވެ. އެ ގޮތަށް އަމަލު ކުރަން އެޗްޕީއޭ އިން ބުނާއިރު މިސްކިތުން ފައިބާ މީހުންގެ ރެންޑަމް ސާމްޕަލް ތަކެއް ނަގައިގެން ހެކި ދެއްކުމަށް އިޔާޒް ގޮވާލެއްވިއެވެ. އަދި ނަމާދު ކުރާ އިރު އަމަލު ކުރަން ޖެހޭ ގޮތް ކީރިތި ރަސޫލާ ކަނޑައަޅުއްވާފައި ވަނިކޮށް، އިންސާނުންނަށް ފެންނަ ބަދަލެއް އެކަމަށް ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވާ އިރު މިސްކިތުގައި ނަމާދު ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލާ ގުޅިގެން ދީނީ އިލްމުވެރިއާ އަލީ ޒައިދު ވިދާޅުވީ، މާސްކު އެޅުމާއެކު މިސްކިތުގެ ސަފުތައް، ކައިރިކައިރީގައި ތިބެ ހަދަމުން ދަނިކޮށް ކޭސްތައް ދަށްވެގެން ދިޔަ ކަމަށެވެ. އެހެންކަމުން މިހާރު ކޭސްތައް އިތުރުވެފައި ވަނީ އާ އަހަރާ ގުޅިގެން އެޗްޕީއޭއިން ކަނޑައެޅި ގޯސް ނިންމުންތަކެއްގެ ނަތީޖާގެ ސަބަބުން ކަމަށް އެއްބަޔަކު ބުނާ ކަމަށް ޒައިދު ވިދާޅުވެއެވެ. އަދި މިސްކިތާއި ކޭސްތައް އިތުރުވުމާ ގުޅުމެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒު އެހެން ވިދާޅުވާ އިރު، ދުނިޔޭގެ އެތަން މިތަނަށް ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައި ވާ އިރު، އާންމުން އެއްވާ އެކިއެކި ކަންކަމުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ގައިދުރުކަން ބަހައްޓައެވެ. އޭގެ ތެރޭގައި އެންމެހާ މުސްލިމުންގެ ގިބުލަ ކަމުގައިވާ ކައުބަތުﷲ ގެފުޅު ހުންނަ ހަރަމްފުޅުގައި ނަމާދު ކުރަނީވެސް ގައިދުރުކަން ބަހައްޓައިގެންނެވެ.

ރާއްޖޭގައި ކޭސްތައް އިތުރުވެގެން އައިސް މިދިޔަ ޖެނުއަރީ މަހު ރިޕޯޓް ކުރި ޕޮޒިޓިވް ކޭސްތައް 2083 އަށް އަރާފައި ވާއިރު ނިމިދިޔަ ފެބްރުއަރީ މަހު ރިޕޯޓްކުރި ކޭސްތަކުގެ އަދަދު ވަނީ 3952 އަށް އަރާފައެވެ. ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިދިޔަ ޖެނުއަރީ މަހު 4 ގައި އުޅޭއިރު މި ދިޔަ ފެބްރުއަރީ މަހު 10 މަރު ވަނީ ރިޕޯޓް ކޮށްފައެވެ.

ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ދެމެހެއްޓުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.