އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒީމްގެ އުފަން ދުވަސް ފާހަގަ ކުރި ހަފްލާގައި ގައިދުރުކަން ދަމަހައްޓާފައި ނެތުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު ވަނީ އާޒިމްގެ އުފަން ދުވަސް ފާހަގަ ކުރަން ކޭކު ފެޅި ޕާޓީއަކީ 3 ފޫޓު ދުރު މިނުގައި ބޭއްވި ޕާޓީއެއް ތޯ އައްސަވާފައެވެ. ހަމައެއާއެކު ކޮވިޑް ކޭސްތައް ބޮއްސުންލައިގެން ދިޔައީ މިސްކިތްތަކާ ގުޅިގެން ތޯ އައްސަވާ ޒައިދު ވަނީ އެޗްޕީއޭއަށް އޭނާ ކުރައްވާ އިހްތިރާމް ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ އުފަން ދުވަސް ފާހަގަ ކުރުމަށް މިއަދު މަޖިލީހުގައި ވަނީ ކޭކް ފެޅާފައެވެ. އެ ހަފްލާގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީގެ މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 20 މީހުންނަށް ވުރެ ގިނަ މީހުން އެ ހަފްލާގައި ބައިވެރިވެފައިވާ އިރު އެ އެންމެންގެ ދެމެދުގައި ގައިދުރުކަން ދަމަހައްޓާފައި ނުވާ ކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.

ކޭކް ފެޅުމަށް ބޭއްވި ހަފްލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު އެ ވީޑިއޯއަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ކޮވިޑްގެ މިހާލަތުގައި އެޗްޕީއޭގެ އެންގުމާ ހިލާފްވެފައި ވާތީ އާންމުން ކަންބޮޑުވުން ފާޅުކޮށް ވަކި ބަޔަކު ޕާޓީ ބޭއްވުމުން އެއީ މައްސަލައެއް ގޮތުގައި ފާހަގަ ކޮށް ތަފާތު ކުރުން ނައްތާލުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތް ގޮތުން އާންމުން ބޭރަށް ނުކުމެ އުޅުމުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ޕާޓީތަކާއި ޖަލްސާތަކާއި އެއްވުންތައް ވެސް ނުބޭއްވުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ޒައިދުގެ ކަންބޮޑުވުމުގައި މިސްކިތްތަކާ ގުޅުވާފައި ވާއިރު، އެޗްޕީއޭއިން ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ސަފު ހަދާއިރު ގައިދުރުކަން ދެމެހެއްޓުމަށް އަންގާފައެވެ.

ވޭތުވެ ދިޔަ ތިން މަސް ދުވަހަށް ބަލާއިރު ފެބްރުއަރީ މަސް ނިމިގެން ދިޔަ އިރު އެ މަހަކީ އެންމެ ގިނަ ކޭސް ރިޕޯޓްކޮށް އަދި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދުވެސް އެންމެ ގިނައިން ރިޕޯޓު ކުރި މަހެވެ.

ޑިސެމްބަރު މަހު ޖުމްލަ 746 ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާ އިރު ޖެނުއަރީ މަހު ރިޕޯޓު ކުރި ޖުމްލަ ކޭސްގެ އަދަދަކީ 2084 އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު އެ އަދަދު އިތުރުވެ ޖުމްލަ 3952 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. ކޮވިޑް މަރުގެ ތަފްސީލަށް ބަލާއިރު ޖެނުއަރީ މަހު 2 މަރު، ޑިސެމްބަރު މަހު 4 މަރު ރިޕޯޓު ކޮށްފައިވާ އިރު ފެބްރުއަރީ މަހު ޖުމްލަ 10 މަރު ވަނީ ރިޕޯޓް ކޮށްފައެވެ.

މިހާރު ކޭސްތައް އިތުރުވަމުން އަންނާތީ މިހާރު ކޮވިޑް ހާލަތު މިއޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި މިއީ ނުރައްކާތެރި ވަގުތެއް ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވެގެން ދާއިރު މި ފެންނަނީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.