އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ރެސިޑެންސީ ސްޓޭޓަސްއާ ގުޅޭ މައުލޫމާތު ފުރިހަމަކޮށް ދިނުމަށް އެދިއްޖެއެވެ.
އިންކަމް ޓެކްސް ގާނޫނުގައި ބުނާ ގޮތުން "ނޮން-ރެސިޑެންޓް" ހިއްސާދާރުންނަށް ލިބޭ ހިއްސާގެ ފައިދާއިން 10 ޕަސެންޓު ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި އުނި ކުރެވެއެވެ. ހަމައެއާއެކު ހިއްސާގެ ފައިދާ ބަހާއިރު ހިއްސާދާރަކީ ރާއްޖޭގެ ރެސިޑެންޓެއް ކަން އެ ކުންފުންޏަކަށް ކަށަވަރު ނުކުރެވޭ ހާލަތެއްގައި އެ ހިއްސާދާރަކީ ރާއްޖޭގެ ރެސިޑެންޓެއް ނޫން ގޮތުގައި ބެލެވޭނެއެވެ. އެފަދަ ހާލަތްތަކުގައި ވެސް ހިއްސާގެ ފައިދާއިން ވިތުހޯލްޑިން ޓެކުހަށް ކެނޑޭނެ ކަމަށް އިންކަމް ޓެކްސް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހިއްސާގެ ފައިދާ ބަހާނީ އިންކަމް ޓެކްސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ރެސިޑެންސީ ސްޓޭޓަސްގެ މައުލޫމާތު ފުރިހަމަ ކޮށްދިނުމަށް ހުރިހާ ހިއްސާދާރުންގެ ފަރާތުން އެދޭ ކަމަށް އުރީދޫން ބުނެއެވެ.
އެ މައުލޫމާތު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ އުރީދޫއަށް މެއިލްކޮށްގެން ވެސް ހިއްސާކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ފޯމު އުރީދޫގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި އަދި ފޯމު ފުރުމަށްފަހު އީމެއިލް ކުރުމަށް އުރީދޫން ބުނެއެވެ.
އަދި އެ މައުލޫމާތު ފުރިހަމަ ނުކުރާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނީ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 ޕަސެންޓު އުނިކުރުމަށްފަހު ކަމަށް ވެސް އުރީދޫން ބުނެއެވެ.