އިންޖީން ފެއިލްވުމާ، ފަސެންޖަރަކަށް އޮޅިގެން ދޮރު ހުޅުވާލެވުމަކީ، ފްލައިޓް ތަކުން މީގެ ކުރިން އެމާޖެންސީ ހާލަތުގައި ރަންވޭއަށް ބޯޓު ޖެއްސި ބައެއް ސަބަބުތަކެވެ. ނަމަވެސް، މިފަހަރު މަތިންދާބޯޓެއް އެމާޖެންސީ ހާލަތުގައި ރަންވޭއަށް ޖައްސަން ޖެހުނީ، އަމިއްލަ ދިފާއަށް އެންމެ ބަހެއްވެސް ބުނެވެން ނެތް ފަރާތަކުން ކޮކްޕިޓް "ހައިޖެކް" ކޮށް، ޕައިލެޓުންނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ސޫދާންގެ ވެރިރަށް، ހާރްތޫމްއިން އުދުއްސާލި މަތިންދާބޯޓު، އަނބުރާ ރަންވޭއަށް ޖައްސަން ޖެހުނީ، "ރުޅިއައިސްފައި" އޮތް ބުޅަލެއް، ޕައިލެޓުންނަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ.

ހާރްތޫމްއިން ބޯޓު އުދުއްސާލިތާ ބައިގަޑިއިރެއްހާއިރުގެ ތެރޭގައި، ބުޅަލުގެ އުނދަގޫ، މުޅި ފްލައިޓް ކުރޫއަށް ފޯރިކަމަށް މައުލޫމާތު ލިބެއެވެ. ބުޅާ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް، އެއްވެސް މީހަކަށް ކާމިޔާބު ވާ ގޮތް ނުވުމުން، ބޯޓު އަނބުރާ ރަންވޭއަށް ތިރިކުރުމަށް ޕައިލެޓް ނިންމީ ކަމަށް ހަބަރު ލިބެއެވެ.

ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރު ކުރަމުންދިޔަ ފްލައިޓް "ހައިޖެކް" ކުރި ބުޅާ، ބޯޓަށް އެރި ގޮތެއް އަދިވެސް ސާފެއް ނުވެއެވެ. ބުރަވެވޭ ގޮތުގައި އެ ބުޅާ ބޯޓަށް ވަދެފައި ވަނީ، ބޯޓު ސާފު ކުރުމަށް ނުވަތަ އިންޖީން ޗެކް ކުރުމަށް ދޮރުތައް ހުޅުވި ގަޑީގައެވެ. ބޯޓު ޕާކު ކޮށްފައި އޮތި ހާރްތޫމް އެއާޕޯޓްގެ ހެންގަރެއްގައި ކަމުން، ބުޅާ ބޯޓަށް އެރީ ހެންގަރު ތެރެއިން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.