ކޮވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގެ ތެރެއިން އެ އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކަށް ނުފެތޭ ތަންތަން ޖޫރިމަނާ ކުރުމުގެ ބަދަލުގައި 24 ގަޑިއިރަށް ތަން ބަންދު ކުރަން ނިންމައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާޒިމް ވިދާޅުވީ، އިންސްޕެކްޝަންގައި އަމަލު ކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ.

މީގެ ކުރިން އެ ސެންޓަރުން އިންސްޕެކްޝަންގައި އަމަލު ކުރާނެ އުސޫލެއްގެ ގޮތުގައި ބުނެފައި ވަނީ ދެ ފަހަރު ނޯޓިސް ދިނުމަށް ފަހު ތިން ވަނަ ފަހަރު އެ ތަނެއް ޖޫރިމަނާ ކުރާނެކަމަށެވެ. ނަމަވެސް މިހާރު ޖޫރިމަނާ ކުރުމުގެ ބަދަލުގައި 24 ގަޑިއިރަށް ތަން ބަންދު ކުރަން އެންގުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯތަކެތި ބޭނުންކުރާ ތަންތަން އިންސްޕެކްޓް ކުރަން ދާ އިރު އެތަންތަނުގައި ހިދުމަތް ދޭން ތިބޭ މުއައްޒަފުން ވެސް މާސްކް ނާޅާ ތިބޭ ކަން ފާހަގަ ކުރެވޭ ކަމަށާއި އެތަނަށް ހިދުމަތް ހޯދަން ދާ ބައެއް އާންމުން ވެސް މާސްކް ނާޅާ ތިބޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު މާސްކް ނާޅާ ތިބޭ މީހުން ފެނިއްޖެ ނަމަ އެކަމުގެ ފިޔަވަޅު އަޅާނީ އެތަނަށް ނޫން ކަމަށާއި އެ ފިޔަވަޅު އަޅާނީ މާސްކް ނާޅާ ހުންނަ މީހާއަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންވީމަ މާސްކް ނާޅާ ތިބޭ މައްސަަލއިގައި ތަން ބަންދު ނުކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން އާންމުންނަށް ހުޅުވައިގެން ހިދުމަތް ދެވޭނީ ރޭގަނޑު 8 ޖެހުމާ ހަމައަށެވެ. އެއަށް ފަހު އެތަންތަނުން ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް ވަނީ އަމަލު ކުރަން އަންގާފައެވެ. އަދި މިހާރު ކެފޭ، ހޮޓާ، ރެސްޓޯރަންޓް، ކެންޓީން ފަދަ ތަންތަނުން ޑެލިވަރީ ހިދުމަތް ދިނުން ވެސް ކުރިއަށް ގެންދެވޭނީ ރޭގަނޑު 10:30 އާ ހަމައަށް ކަމަށް ވެސް ވަނީ އަންގާފައެވެ.

މާސް އިންސްޕެކްޝަންގެ ދަށުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި އާންމުންނަށް ހިދުމަތް ދޭ ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޗްޕީއޭ އާއި ފުލުހުން ގުޅިގެންނެވެ.