ތ. ވޭމަންޑޫ ގައި މިމަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެރަށުގައި އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގައި ދިޔަ އެ ހާދިސާއާ ގުޅޭ ގުޅިގެން ފެނަކަ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ވޭމަންޑޫގައި ހިނގި ފަދަ ހާދިސާއެއް ކުރިޔަށް އޮތް ތަނުގައި މެދުވެރިވިޔަ ނުދީ، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަަމަށެވެ.

އޭގެ އިތުރުން ވޭމަންޑޫއަށް ހިދުމަތް ފޯރު ކޮށްދެވޭ ކަން ކަށަވަރު ކުރުމާއެކު އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް، ފަސް ކުރުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ވަނީ އެ ހާދިސާ އާ ގުޅިގެން ރައްޔިތުންނަށް ވީހާވެސް އަވަހަށް ކަރަންޓު ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދާއި ލަފާފުޅުތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން ކަންކަން ގާތުން ބައްލަވައި، ކުންފުނީގެ ޓީމާއެކު އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރަށަށް ވަޑައިގެން، އެކަމުގައި ބައިވެރިވިކަމީ ލިބުނު ހިތްވަރެއް ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

ވޭމަންޑޫގައި ކަރަންޓުގެ ހިދުމަތް ދެމުން ދަނީ 600 ކިލޯ ވޯޓާއި، 500 ކިލޯ ވޯޓާއި، 450 ކިލޯވޯޓުގެ 3 ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. މި ޙާދިސާގައި 3 ޖަނަރޭޓަރުވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެ ރަށަށް ކަރަންޓުދީފައި ވަނީ އެއަތޮޅު ގުރައިދޫ އިން 360 ކިލޯ ވޯޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސްގެންނެވެ.