މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 74 ޕަސަންޓް މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލެ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ރާއްޖެެއިން މިހާތަނަށް 105،492 މީހުން ވެކްސިން ޖަހާފައިވާއިރު މާލެ ސަރަހައްދު 72،872 މީހުން އަދި އަތޮޅު ތެރެއިން 32،620 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

މީގެ އިތުރުން މިހާރު އުމުރުން 25 އަހަރުން މަތީގެ މީހުންނާއި އުމުރުން 25 އަހަރާއި 18 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލި ބައްޔަށް ބޭސް ކުރާ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން މިހާރު ހުކުރު ދުވަހަކީ މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ދުވަހެއްގެ ގޮތުގައި ވެސް ވަނީ ހަމަޖައްސާފައެވެ.