ތިން ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރަން ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް އާ ކަމަށެވެ.

އެ މަޝްރޫއުތައް ހިންގާނެ ތިންރަށަކީ ހއ. މޮޅަދޫ އާއި، ލ. މުންޑޫ އާއި މ. ވޭވަށެވެ. ކޮންމެ ރަށަކަށް ދެ އަހަރާއި 25 ދުވަހުން ނިންމަން ދިން އެ ތިން ރަށުގެ ޕްރޮޖެކްޓް އަގު 104 މިލިއަން ރުފިޔާއަށް އަރައެވެ.

އެ ޕްރޮޖެކްޓްގައި ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީހެއް ގާއިމުކުރުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެއެވެ.

އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދި ފްލެކްސިންކް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.