މުޒާހަރާތަކުގައި ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެންގުޅުއްވާ އުކުޅުތައް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ ޓްވިޓާ މެދުވެރިކޮށެވެ. އިމްރާން ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދިއުމުގައި އަދުރޭ ގެންގުޅުއް ވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގްނަވާ ކަމަށެވެ.

މިއަދުގެ އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން ވެސް އިމްރާން ޓްވީޓެއް ކުރެއްވިއެވެ. އެގޮތުން އެ ޓްވީޓުގައި އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަނޭޅޭ ގޮތް ބަލައިގެން ކަމަށެވެ.

އިމްރާން އެހެން ވިދާޅުވެފައި ވާއިރު ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިވަން ކަމާއެކު ހިޔާލުފާޅު ކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމަޔަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރު ކޮށްދޭ ހައްގުތަކެއް ކަމަށެވެ. ހަމައެއާއެކު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވާ މިނިވަން ކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތު ތަކެއްވާ އަދި ހުދޫދުތަކެއް ވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށެވެ. ހަމައެއާއެކު މުޖުތަމައުގެ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ކޮވިޑް ހާލަތު ގޯސްވެ ބަލި ފެތުރެމުން ދާއިރު ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި އަދުރޭގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް އަދި މެމްބަރު މުހައްމަދު ޝާހިދު ވެސް ހިމެނެއެވެ.

މުޒާހަރާ ނުފެށެނީސް ޕާޓީ އޮފީސް ދޮރުމަތިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ހައްޔަރު ކޮށްފައި ވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ޕާޓީ އޮފީހަށް ވަންނަން އުޅެނިކޮށް ކުރީގެ މަޖިލިސް މެންބަރު ކާނަލް ނަޝީދު ހައްޔަރު ކޮށްފައި ވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެފައި ވާއިރު، އިދިކޮޅުން ދަނީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.