ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މުސްލިމުންގެ ގަބަރުވެސް އަންދައިގެން ނައްތާލުމަށް އޮތް އަމުރަށް ލަންކާއިން ބަދަލު ގެނެސް، ވަޅުލަން ހުއްދަ ދޭން ނިންމުމުން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު، އަންދައިގެން ނައްތާލުމުގެ ބަދަލުގައި، ވަޅުލުމަށް ފުރުސަތު ދޭނެ ކަން ބަޔާންކޮށް، ސްރީލަންކާ ސަރުކާރުން ވަނީ އެކަން ގެޒެޓްގައިވެސް އާންމު ކޮށްފައެވެ.

ދާދި ފަހުން 2 ދުވަހުގެ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންނެވި އިމްރާން ހާން ޓްވިޓާ މެދުވެރިކުރައްވާ ސްރީލަންކާގެ ސަރުކާރަށް ޝުކުރު ދަންނަވާފައި ވާއިރު، ސްރީލަންކާއިން ވަނީ އިންސާނީ ހައްގުތަކުގެ މައްސަލާގައި އދގައި އެ ގައުމަށް އެހީވެދިނުމަށް ޕާކިސްތާނުގެ ކިބައިން އެދިފައި ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު އަންދައިގެން ނައްތާލަމުން ދާ މައްސަލާގައި، އިމްރާންގެ ލަންކާ ދަތުރާ ދިމާކޮށް ސްރީލަންކާގެ މަގުތަކުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.