އެއްވުންތައް ބާއްވާ ނަމަ، ރޫޅަލާނެ ކަމުގެ އިންޒާރު ފުލުހުންނާއި ހޯމް މިނިސްޓްރީން ދީފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ވެސް ހިލާފަށް އެއްވުން ބާއްވަން ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލު ބަހައްޓާ ބަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ކޮވިޑް-19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށެވެ. އެހެންކަމުން، މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކޮށް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިވަން ކަމާއެކު ހިޔާލުފާޅު ކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމަޔަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރު ކޮށްދޭ ހައްގުތަކެކެވެ. ހަމައެއާއެކު ދިވެހި ޖުމްހޫރިއްޔާގެ ހާނޫނުއަސާސީގައި ބަޔާން ކޮށްފައި ވާ މިނިވަން ކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތު ތަކެއްވާ އަދި ހުދޫދުތަކެއް ވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށެވެ. ހަމައެއާއެކު މުޖުތަމައުގެ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ކޮވިޑް ހާލަތު ގޯސްވެ ބަލި ފެތުރެމުން ދާއިރު ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރި ކުރުމަށް، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.
އެއްވުންތައް ނުވާއްވަން އަންގާފައި ވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ދަނީ މިއަދު ހަވީރު މުޒާހަރާ ކުރުމަށް ނިންމާފައެވެ. "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރަން ނިންމާފައި ވާ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުންނަން ވަނީ ނިންމާފައެވެ. އިދިކޮޅުން ދަނީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.