މިއަދު ރާއްޖެއިން 184 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މި މަހު ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު 3505 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު އިއުލާން ކުރި ކޮވިޑް ކޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 145 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 10 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 24 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 5 މީހެކެވެ. އަދި މިއަދު 192 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓް
- ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު: 19،346
- ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު: 16،838
- ކޮވިޑް އެކްޓިވް ކޭސް: 2441
- ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މީހުންގެ އަދަދު: 162
ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ މަހު 5 މީހަކު ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ. އަދި މި މަހު 9 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 60 އަށް އަރާފައެވެ. އެއީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މީގެ ތެރޭގައި މި މަހުގެ 17 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖެހި ފަހުން މަރުވި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.
އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 60 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3505 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.
ކޭސްތައް އިތުރުވަމުން އަންނާތީ ކޮވިޑް އިން ރައްކާތެރިވުމަށް އަޅާަފއިވާ ފިޔަވަޅުތައް ވީ އެންމެ އަވަހަށް ވަރުގަދަކޮށް ފިޔަވަޅުތައް ހަރުކަށީ ކުރަންޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މިއަދު 200 އިން މައްޗަށް ކޭސްތަކުގެ އަދަދުތައް އަރާފައިވާ އިރު، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާލުވެފައި ވަނީ، މިއަދު ހެނދުނު 139 ކޭސް މާލެ ސަރަަހައްދުން އައިސްފައިވާ ކަމަށާއި މިއަދު ނިމޭ އިރު ކޭސްތައް 200 އަށް އރުމަކީ ގާތް ކަމެއް ކަމަށެވެ. މިހާރު މާލެ ސަރަހައްދުގެ ހާލަތު ނާޒުކު ކަމަށް ވިދާޅުވެ ނަސީމް ވިދާޅުވެފައި ވަނީ މި ވަގުތު ބަލި ފެތުރެމުންދާ މިންވަރުވެސް ދެނެގަންނަން ނޭނގޭ ކަމަށެވެ.