މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތް މިވަގުތަށް ހުއްޓާލަން ނިންމައިފިއެވެ.
މިގޮތަށް ނިންމަވާފައިވާ ކަން ހާމަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިހާރު ވިޔަފާރި ކުރާ ތަންތަން އިންސްޕެކްޓް ކުރަމުން ދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށެވެ. އަދި ވިޔަފާރި ކުރާ ތަންތަން އިންސްޕެކްޓް ކުރުމަށް ފަހު އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާ ތަންތަނަށް އެފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އެ މިނިސްްޓްރީން ކުރި އިންސްޕެކްޝަންތަކުން ވަނީ ގިނަ ވިޔަފާރިތައް އެޗްޕީއޭގެ ގައިޑަލައިނާ އެއްގޮތަށް ހިންގާ ކަން ފާހަގަ ކުރެއްވިފައި ކަމަށެވެ.
ކޮވިޑް ބަލިމަޑުކަން ރާއްޖެއަށް ވެސް ކުރިމަތިވެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ދިޔަ އަހަރު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތުމަށް ފަހު އާންމު ހާލަތަށް ރުޖޫއަވެ ވިޔަފާރިތައް ހުޅުވައި މަސައްކަތް ފެށިއިރު ވިޔަފާރި ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ވެސް އޮތީ ކަނޑައަޅާފައެވެ. އެގޮތުން ރަޖިސްޓްރީ ނުކޮށް ހިންގާ ވިޔަފާރިތައް ދެނެގަނެ އެތަންތަން ޖޫރިމަނާ ކޮށްފައިވާ އިރު އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް އަމަލު ނުކުރާ ތަންތަން ވެސް ވަނީ ވިޔަފާރި ކުރުން ހުއްޓުވައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެ ތަންތަނުގެ ކަންކަން ބަދަލު ކޮށްފައެވެ.
މިހާރު އެޗްޕީއޭ އާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ހިންގަމުން އެބަ ގެންދެއެވެ. ވިޔަފާރިތަކާއި އާންމުންނަށް ހިދުމަތް ދޭ ތަންތަނުން އެޗްޕީއޭގެ މިންގަނޑުތަކަށް އަމަލު ކުރާ މިންވަރު ބަލަމުންދާ އިރު އަދިވެސް މާލެ ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ދަށަކަށް ނުދެއެވެ.
މިކަމާ ގުޅިގެން މިއަދު ފައްޔާޒް ވިދާލުވެފައި ވަނީ ކޮވިޑް ހާލަތު ގޯސްވަމުން ދާނަމަ ލޮކްޑައުނަކަށް ދިއުން ގާތް ކަމަށާއި ލޮކްޑައުން ނުކޮށް ފަރު ޖެހޭނީ އެޗްޕީގެ އުސޫލުތައް އިތުރަށް ވަރުގަދަ ކޮށްގެން ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނަށް އާންމުންނާއި ވިޔަފާރިތަކުން ވެސް އަމަލު ކުރުމަށް އޭނާ ވަނީ ގޮވާލައްވާއެވެ.
އިކޮނޮމިކް މިނިސްޓަރީ އުވާލާ އައު ޑިޕާރޓްމަންޓެއް އުފަން ކުރީމަ ރަނގަޅުވާނެ ފައްޔަބޮލުގަ ޚިދުމަތް ދިނުމުގެ ރޫހެއް ނެތް