މިދިޔަ އަހަރު ހަލުވިކަމާއެކު ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ފެތުރެންފެށި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އަކީ އެތައް ބައެއްގެ ދިރިއުޅުން ވިއްސިވިހާލި ކޮށްލި ބައްޔެކެވެ. މިއަދާ ހަމައަށްވެސް އެ ބަލި ކޮންޓްރޯލް ކުރެވިފައި ނުވާއިރު ޔަގީން ކަމާއެކު ބަލި ހުއްޓުވޭނެ ބޭހެއްވެސް ހޯދިފައެއް ނުވެއެވެ. އެކި ގައުމުަތުން ތަފާތު ވެކްސިން އުފައްދާ ބޭނުން ކުރަން ފެށި ނަމަވެސް ބަލި ނައްތާލެވޭ ވަރުގެ ބޭހެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ރާއްޖޭގައިވެސް ވަނީ ބޭރު ގައުމުތަކުގައި ބޭނުންކުރާ ވެކްސިން ދޭން ފަށާފައެވެ. މި މަހުގެ ފުރަތަމަ ދުވަހު ވެކްސިން ދޭން ފަށާ މިހާތަނަށް އެއްލައްކަ އާ ގާތްކުރާ އަދަދެއްގެ މީހުންނަށް މީހުން ވެކްސިން ވަނީ ޖަހާފައި ވެއެވެ. ޖުމްލަ 98،311 މީހުން ވެކްސިން ޖަހާފައި ވާއިރު އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 69،725 މީހަކާއި އަތޮޅުތަކުން ވެކްސިން ޖެހި 28،568 މީހެކެވެ.
މި މަހު ވެކްސިން ޖަހަން ފެށި ނަމަވެސް ރާއްޖޭގައި އަނެއްކާވެސް މި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައެވެ. ޖުމްލަ 19،346 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި މަހު މިހާތަނަށް ޖުމްލަ 3،505 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައިވެސް އެންމެ ގިނައިން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ޖުމްލަ 2،708 މީހަކު ވަނީ މާލެ ސިޓީން ޕޮޒިޓިވް ވެފައެވެ. އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އިތުރު ވެފައިވާއިރު މި މަހު މިހާތަނަށް 356 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ހަދަމުންދާ ރިސޯޓުތަކާއި މިހާރު ހިނގަމުންދާ ރިސޯޓުތަކުން މި މަހު ޕޮޒިޓިވްވި 393 މީހެކެވެ.
މި މަހު އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ޖުމްލަ 215 މީހުންނެވެ. ދެން މި މަހު އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައި ވަނީ 13 ވަނަ ދުވަހު، ޖުމްލަ 209 ކޭސްއެވެ. މި މަހުގެ ފަންސަވީސް ދުވަސް ގޮސްފައިވާ އިރު 100 އިން ދަށުން ކޭސް ރިޕޯޓު ކޮށްފައި ވަނީ އެންމެ ދުވަހެކެވެ. އެއީ މި މަހުގެ ދެވަނަ ދުވަހެވެ. މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރު ވެފައި ވާއިރު، މި މަހު މިހާތަނަށް ދުވާލަކު ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައި ވަނީ 11 ދުވަހެވެ. ނަމަވެސް އެ ދުވަސްތަކުގައިވެސް ޕޮޒިޓިވްވި އަދަދުތައް އުޅެނީ 70 އިން މަތީގައެވެ.
ފެބްރުއަރީ މަހު ކޮވިޑްގެ 9 މަރު!
ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު 5 މީހަކު ވަނީ މަރުވެފައެވެ. އަދި މި މަހު 9 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 60 އަށް އަރާފައެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެ ބަލީގައި އެންމެ ގިނައިން މީހުން މަރުވި މަހެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 60 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
ހެލްތް މިނިސްޓަރުގެ އިންޒާރު!
މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ކޮންޓްރޯލުން ނެއްޓިފައި ވާތީ ފިޔަވަޅުތައް ހަރުކަށި ކުރަައްވާނެ ކަމަށް ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މާލޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓި މާލޭގައި މިހާރު ކޮވިޑް ފެތުރިފައިވާ އޮތް މިންވަރުވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ އާދައިގެ ރޯގާއެއް ކަމަށް ބުނެ ބައެއް މީހުން ވާހަކަ ފަތުރަމުން ދާ ކަމަށެވެ. އަދި ގައިދުރުކުރަން ނުޖެހޭނެ ކަމާއި މާސްކު އަޅަން ވެސް ނުޖެހޭނެ ކަމަށް ބުނެވެސް ބައެއް ދީނީ އިލްމުވެރިން ފަތުވާ ދެއްވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ. އެހެންވުމުގެ ސަބަބުން ބައެއް މިސްކިތްތަކުގައި މީހުން މާސްކު ނަގައިގެން ނަމާދުކުރާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މާލޭގެ ހާލަތު ގޯހުން ގޯހަށް ދާއިރު ސިއްހީ ދާއިރާގެ މީހުން ދައްކާ ވާހަކަ މިވަގުތު އަޑުއަހަން ޖެހިފައިވާ ކަމަށާއި އެހެން ނޫންނަމަ މާލޭގެ މިހާރުގެ ހާލަތު މި އޮތީ ލޮކްޑައުނަކަށް ގެންނަން ޖެހިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ފަށަފައި ވާއިރު، މިހާރު ނުރައްކަލުގެ ރަނގަބީލުގެ އަޑުވެސް ދަނީ ގަދަވަމުންނެވެ. ކޮވިޑްގެ ކޭސްތައް މަތިވެ ކޮވިޑް މަރު އިތުރުވަމުން ދާ މި ދަނޑިވަޅުގައި ލޮކްޑައުނަށް ދިން ލުއި އަނެއްކާވެސް މި ވަނީ ހަރުކަށިކޮށް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. ސިއްހީ މާހިރުންގެ ލަފައާއެކު ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންވެސް މަގުތައް މަތީ ހަރަކާތްތެރި ވާން ވަނީ ފަށާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މާލެ ސަރަހައްދުގައި އަޅުމަށް މިހާރު ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8:00 އިން ފެށިގެން ކެފޭ ތަންތަން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން އަނެއްކާވެސް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭއިން ބުނީ އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.
ފުލުހުން މިހާރު ތަންފީޒު ކުރަމުން ގެންދާ ފިޔަވަޅުތަކުގެ ތެރޭގައި އިރުއޮއްސި 6:00 އިން ހެންދުނު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ބެލެހެއްޓުން ހިމެނެއެވެ.
ބަސް ދުއްވޭނެ އެންމެ ފަހު ގަޑިއާއި ހުޅުމާލެ ވިލިނގިލި އަދި ތިލަފުށި ފެރީގެ އެންމެ ފަހު ގަޑި އަކީ 10:30 އަށް ވަނީ ހަދާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ހުއްޓާލުމަށް އަންގާފައި ވާއިރު، ގްރޫޕް ކަސްރަތާއި ކުޅިވަޅު ހުއްޓާލަން ވަނީ އަންގާފައެވެ. ޕާޓީތަކާއި ހަފްލާތަކުގެ އިތުރުން ރަސްމިއްޔާތުތައް ބޭއްވުން މަނާ ކުރުމާއި މަގުމަތީގައި މީހުން އެއްވެ އުޅޭ އަދަދު މަދުކުރަން ވަނީ އަންގާފައެވެ.
އަދި ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް އެންގުމާއި ގްރޭޑް 1 އިން 6 އަށް އޮންލައިންކޮށް ކިވައިދޭން އަންގާ ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ވަނީ އޮންލައިން ކޮށްފައެވެ.
ލޮކްޑައުނަށް ދިން ލުޔާއި ކޮވިޑަށް އެކި ގައުމަތުން ތައްޔާރުކުރި ވެކްސިންގެ ސަބަބުން ކޮވިޑްގެ ބިރުވެރިކަން ހަނދާން ނެތުމާއެކު މި އަހަރު ފެށުމާއެކު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ. ފަރުދީ ޒިންމާގެ މަތިން ހަނދާންނެތި މަގުމަތީގައި މާސްކް ނާޅާ އުޅޭ މީހުން ވަނީ ގިނަވެފައެވެ. އިރުއޮއްސި 6 ޖެހުމާއެކު ބައި ހަދާފައި ހިނގާލަން ދާ މީހުން ވަނީ ގިނަ ވެފައެވެ. ކެފޭ ރެސްޓޯރަންޓުތަކާއި ފިނިމައިޒާންތަކާއި، ތޮށިގަނޑުމަތީގައި ތިބޭ މީހުންވެސް މަދެއް ނުވެއެވެ. ލޮކްޑައުނެއްގެ އިންޒާރު، ސިއްހީ މާހިރުންނާއި އެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދެމުން ދާއިރު، ވަގުތު ފާއިތު ނުވަނީސް ފަރުދީ ޒިންމާ އަދާކުރާށެވެ. އެމީހަކު އެމީހެއްގެ ސަލާމަތް ހޯދާ ގެއަށް ވަންނާށެވެ.
ގައުމީ ކަމެއް ކާމިޔާބު ކުރެވޭނީ ގުޅިގެން ކުރެވޭ މަސައްކަތަކުން.