100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. ގޮއިދޫއަށް ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ އެ ހިދުމަތް އެރަށަށް ތައާރަފްކޮށްފައި ވަނީ މިއަދު ކަމަށެވެ.

އެގޮތުން އެ ހިދުމަތާއެކު، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ށ. ގޮއިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސެއް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އެކަމާ ގުޅިގެން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ފާއިތުވި އަހަރުތެރޭގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ އަދަދު އެތައްގުނައެއް އިތުރުވެފައިވުމާއިއެކު އިންޓަނެޓަށް ބަރޯސާވާ މިންވަރުވެސް އިތުރުވެ، އަސާސީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.

އެގޮތުން ކުދިންގެ ކިޔެވުމަށާއި، ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ވިޔަފާރިކުރުމަށްވެސް އިންޓެނެޓްގެ ބޭނުން އެބަކުރަންޖެހޭ ކަމަށާއި އެހެންކަމުން އުރީދޫން މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިިނުމަކީ އެންމެ މުހިންމުކަމެއްކަމުގައި ދެކިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް ށ. ގޮއިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އުރީދޫން ކުރަމުންދާ އެފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމަށް ނިޔާޒު ވިދާޅުވިއެވެ.

އުރީދު މޯލްޑިވްސްއިން ވަނީ ދާދި ފަހުން އުރީދޫ ސުޕާނެޓް ޕެކޭޖް ތަކައް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެން ދެއެވެ.