މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާތީ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ވިދާޅުވެ ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް އިންޒާރު ދެއްވައިފިއެވެ.
ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ގާނޫނެއް އެކުލަވައިލަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ މިއަދު ހެނދުނު ވެސް މާލޭގެ ޕޮޒިޓިވް ކޭސްގެ އަދަދު 139 އަށް އަރާފައިވާ ކަމަށާއި މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 200 އިން މައްޗަށް ދާނެ ކަމަށެވެ.
އަދި ވިދާޅުވީ މާލޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި މާލޭގައި މިހާރު ކޮވިޑް ފެތުރިފައިވާ އޮތް މިންވަރުވެސް ނޭންގޭ ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ މިއީ އާދައިގެ ރޯގާއެއް ކަމަށް ބުނެ ބައެއް މީހުން ވާހަކަ ފަތުރަމުން ދާ ކަމަށެވެ. އަދި ގައިދުރުކުރަން ނުޖެހޭނެ ކަމާއި މާސްކު އަޅަން ވެސް ނުޖެހޭނެ ކަމަށް ބުނެވެސް ބައެއް ދީނީ އިލްމުވެރިން ފަތުވާ ދެއްވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ. އެހެންވުމުގެ ސަބަބުން ބައެއް މިސްކިތްތަކުގައި މީހުން މާސްކު ނަގައިގެން ނަމާދުކުރާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މާލޭގެ ހާލަތު ގޯހުން ގޯހަށް ދާއިރު ސިއްހީ ދާއިރާގެ މީހުން ދައްކާ ވާހަކަ މިވަގުތު އަޑުއަހަން ޖެހިފައިވާ ކަމަށާއި އެހެން ނޫންނަމަ މާލޭގެ މިހާރުގެ ހާލަތު މި އޮތީ ލޮކްޑައުނަކަށް ގެންނަން ޖެހިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފިޔަވަޅުތައް ހަރުކަށިކުރުމުގެ ވާހަކަ ވިދާޅުވެފައިވާ ނަމަވެސް އާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓޫރިޒަމް ސިނާއަތުގައި ކޮވިޑް ފެތުރިދާނެތީ ކަންބޮޑުވުމެއް ނެތް ކަމަށާއި ރިސޯޓެއްގައި ކޮވިޑް ފެތުރިއްޖެ ނަމަ ކޮންޓްރޯލްކޮށްލަން ފަސޭހަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 19،162 އަށް އަރާފައެވެ. ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު 16،646 އަށް އަރާފައި ވާއިރު، ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 2449 އަށް އަރާފައެވެ. އަދިހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މީހުންގެ އަދަދު ވަނީ 162 އަށް އަރާފައެވެ.
ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ މަހު 5 މީހަކު ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ. އަދި މި މަހު 9 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 60 އަށް އަރާފައެވެ. އެއީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ.
އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 60 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.