އެ ސަރަހައްދުގެ މިލްކުވެރި ކަމުގެ މައްސަލަ، އެތައް ޒަމާނަކަށް ދިގުލާ ގޮސްފައިވާ ކަޝްމީރުގެ ބޯޑަރު ހުރަސްކޮށް ހިންގާ ހަމަލާ ބަދަލު ކުރުންތައް ހުއްޓާލުމުގެ ހަރުކަށި ފިޔަވަޅު ތަންފިޒު ކުރުމަށް، އިންޑިއާ އަދި ޕާކިސްތާނުން އެއް ގަލަކަށް އަރައިފިއެވެ.

އެއްވެސް ކަމެއްގައި އިންޑިއާއާއި ޕާކިސްތާނު އެއްގަލަކަށް އެރުމަކީ މަދުން ނޫނީ ނުވާ ކަމަކަށް ވާއިރު، ކަޝްމީރުގެ ކަމެއްގައި އޭޝިއާގެ ނިއުކްލިއާ 2 ބާރުން އެއް ގަލަކަށް އެރުމަކީ އިންތިހާއަށް ނާދިރު ކަމެކެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ކަޝްމީރު ބޯޑަރު ހުރަސްކޮށް ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމުގެ އިތުރުން، އަދިވެސް އިތުރު ކަންކަން ތަންފީޒު ކުރުމަށް ދެ ގައުމުން އެއްގަލަކަށް އަރާފައި ވާ ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ޑައިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް އިން މިއަދު ހެނދުނުގެ ވަގުތެއްގައި، "ހޮޓްލައިން" މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ބަޔާނުގައިވެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ހަބަރު ދޭ ގޮތުގައި، ހަމަލާ ބަދަލު ކުރުން މަޑުޖައްސާލުމާ ބެހޭ އެއްބަސްވުން ތަންފީޒު ކުރާނީ މިރޭ 00:00 ގައެވެ.

އިންޑިއާގެ އަސްކަރިއްޔާއިންވެސް ވަނީ މިފަދަ ވާހަކަތަކެއް ހާމަ ކޮށްފައެވެ.

ޕާކިސްތާނާއި އިންޑިއާ ހިއްސާ ކުރާ ބޯޑަރު ނުވަތަ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން މަނާ ކުރާ އެއްބަސްވުމެއް އެކުލަވާ، އެންމެ ފުރަތަމަ އެކަން ތަންފީޒު ކުރަން ފެށީ 2003 ވަނަ އަހަރުއެވެ. ނަމަވެސް، ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ގެންދެއެވެ. އަދި އާންމު ރައްޔިތުންނާ އަސްކަރީ ސިފައިންގެ ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ.

ޕާކިސްތާނާއި އިންޑިއާގެ ޒަމާންވީ ހަތުރުވެރި ގުޅުން އިންތިހާއަށް ހީނަރުވެގެން ދިޔައީ، 2019 ވަނަ އަހަރުގެ ޕުލްވާމާ ހަމަލާއާ ގުޅިގެންނެވެ.