ބީއެމްއެލް އިން ކ. ގުރައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް ބޭކިންގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގުރައިދޫގައި ސެލްފް ސާވިސް ބޭންކެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވާފައިވަނީ މިއަދުއެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ކ. ގުރައިދޫގައި ފެށި އޭޓީއެމް ހިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިިން ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 4 ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާ ކަމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތް ވެސް ދެމުންދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ގުރައިދޫގައި މި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. މި އޭޓީއެމް ގެ ހިދުމަތަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ކުރެވެމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްވެސްމެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު އެބޭންކުން 9 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވާ އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލުގެނެސްފައިވާ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 66 ސެލްފްސާވިސް ބޭންކިން ސެންޓާ، 127 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.