ދެކުނު އޭޝިއާ އިއްތިހާދުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތް ޕާކިސްތާނަކީ ހައިރާން ކުރަނިވި އެތައް މަންޒަރެއް ފެންނަ ގައުމެކެވެ. ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ، ކަރާޗީގެ މަގުތަކައް ބަލާލުމުންވެސް މިފަދަ އެތައް ކަމެއް ފާހަގަ ކުރެވޭނެއެވެ.

މިފަދައިން ފާހަގަވާ އެއް ކަމަކީ، ރޯލާބްލޭޑް ނުވަތަ ފުރޮޅުލީ ބޫޓުގައި ކޮޅު ކޮޅުމައްޗަށް "ދުއްވަމުން" ދާ ފުލުހުންގެ ފައުޖެއް ހަރަކާތްތެރިވާ ކަމެވެ.

މިއީ ޕާކިސްތާނުގައި އަލަށް އެކުލަވާލާ، ވަރުގަދަ ތަމްރީނުތަކެއް ދީފައިވާ ގޮތްޕަކަށް ނިސްބަތްވާ ފުލުހުންތަކެކެވެ. ރޯލާބްލޭޑްގައި މި ފައުޖުގެ ފުލުހުން ހަރަކާތްތެރި ވަނީ ހަތިޔާރާވެސް އެކުގައެވެ. މިއީ ވައްކަމުގެ މައްސަލަތައް ހައްލު ކުރުމަށާ، މަގުތައް މަތީގައި ފުރައްސާރަކޮށް ޖެއްސުން ކުރަމުންދާ މީހުންނާ ދެކޮޅަށް ހަރަކާތްތެރިވާ ޔުނިޓެކެވެ.

ކަރާޗީގެ ރޯލާބްލޭޑް ފުލުހުންގެ ޔުނިޓް އެކުލެވިގެން ވަނީ 20 މެންބަރުންގެ މައްޗަށެވެ. އެއީ 10 ފިރިހެން ފުލުހުންނާއި 10 އަންހެން ފުލުހުންނެވެ.

ޔުނިޓްގެ އިސްވެރިޔާ ފާރޫގު އަލީ ވިދާޅުވީ، މަގުމަތީގައި ހިންގާ ޖިނާއީ ކުށްތައް މަދު ކުރުމަށް ބިނާ ކުރަނިވި ހައްލުތަކަކަށް ބޭނުން ވެފައި ވާ ކަމަށެވެ. ފާރޫގު ވިދާޅުވީ، ރޯލާބްލޭޑްގައި ހަރަކާތްތެރިވާ ފައުޖަކީ، ވެހިކަލްތަކުގައި ދުއްވާފައި ދާ ޖިނާއީ ކުށްވެރިން ހިފުމުގެ ގާބިލުކަން ލިބިފައިވާ ފައުޖެއް ކަމަށެވެ.

ރޯލާބްލޭޑް ފައުޖުގައި ހިމެނޭ އަނީލާ އަސްލަމް ބުނީ، މިއީ އިންތިހާއަށް ފައިދާ ކުރާ އުކުޅެއް ކަމަށެވެ. އެހެނީ، މިގޮތަށް ރޯލާބްލޭޑް ކުރުމުން، ވަންނަން ދަތި، ހަނި ދޭތެރެ ތަކުންވެސް ހަލުވި ދުވެލީގައި ދެވޭތީއެވެ.

ނަމަވެސް، މިކަމަށްވެސް ހައްދެއް އެބައޮތެވެ. ރޯލާބްލޭޑް ކުރެވެނީ އޮމާން މަގުތަކެއްގައި ކަމުން، ކަރާޗީގެ ހުރިހާ ހިސާބެއްގައި މި ފައުޖަށް އަދި ހަރަކާތްތެރިއެއް ނުވެވެއެވެ.

ކަރާޗީގެ ރޯލާބްލޭޑް ފުލުހުން ރަސްމީ ޑިއުޓީއަށް ނިކުންނާނީ އަންނަ މާޗް މަހު ކަމަށް ހަބަރު ލިބެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން