ގޫގްލްއާއި ފޭސްބުކް މެދުވެރިކޮށް ހިއްސާ ކުރާ ހަބަރުތަކަށް ހާއްސަ ފީއެއް ދައްކަން އެ ކުންފުނިތަކަށް ލާޒިމު ވާ ގޮތަށް އަމާޒުކޮށް މުޅި ދުނިޔޭގައިވެސް މިހާތަނަށް ފަރުމާ ކުރި ފުރަތަމަ ގާނޫނު، އޮސްޓްރޭލިއާއިން ފާސްކޮށްފިއެވެ.

"ނިއުސް ކޯޑް ލެޖިސްލޭޝަން" ގާނޫނާ ގުޅިގެން، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އިންތިހާއަށް ނުރުހުން ފާޅު ކުރަމުންނެވެ.

މި މައްސަލާގައި ހިތްހަމަ ނުޖެހިގެން، ހުސްވި ހަފުތާގައި ފޭސްބުކް އިން ވަނީ، އޮސްޓްރޭލިއާގެ ހުރިހާ ހިސާބަކަށް އެ ކުންފުނީގެ ހިދުމަތްތައް މެދުކަނޑާލާފައެވެ. ނަމަވެސް އޮސްޓްރޭލިއާގެ ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، މި ހަފުތާ ތެރޭގައި މި ހިދުމަތް އަލުން ވަނީ ދޭން ފަށާފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން "ނިއުސް ކޯޑް ލެޖިސްލޭޝަން" ގާނޫނަށް ވަނީ އިސްލާހް ތަކެއް ގެނެސްފައެވެ. އެގޮތުން، ފޭސްބުކްއާއި ގޫގްލްއަކީ މި ގާނޫނުން ރިއާޔަތް ކުރާ ކުންފުނިތަކެއް ކަމުގައި ނުބެލެވޭނެ ފަދަ ގޮތަކަށް އިސްލާހް ގެނެސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް ނަމަވެސް، ފޭސްބުކްއާއި ގޫގްލް އިން ވަނީ އޮސްޓްރޭލިއާގެ ޕަބްލިޝިންގް ކުންފުނިތަކަށް (ގާނޫނުން ބޭރުން) ބޮޑު އަދަދުތަކުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައިސްފައެވެ. މިއީ މި މައްސަލާގައި ޓެކްނޮލޮޖީ ކުންފުނިތަކުން ދިން ދުލެއް ކަމަށް ބެލެވެއެވެ.

"ނިއުސް ކޯޑް ލެޖިސްލޭޝަން" ގާނޫނު ފަރުމާ ކޮށްފައި ވަނީ، ޓެކްނޮލޮޖީ ކުންފުނިތަކާ ހަބަރު ފަތުރާ ޖަމިއްޔާތަކާ ދެމެދު މަޝްވަރާ ކޮށްގެން ފީއެއް ހަމަޖެއްސޭ ފަދަ އުސޫލަކުންނެވެ. ނަމަވެސް އެކަން ކުރުމަށް ފެއިލްވެއްޖެ ނަމަ، މިނިވަން އާބިޓްރޭޝަންއަށް ޑިޖިޓަލް ޕްލެޓްފޯމްތައް ހުށަހެޅިގެންދާނެއެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނީ މިއީ ހަބަރު އުފައްދާ ކުންފުނިތަކަށް ބާރު ދެނިވި ގާނޫނެއް ކަމަށެވެ.