ފާއިތުވި މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ ދަށުން 7 މަޝްރޫއެއް ނިމި، 16 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އާންމުކުރި ޕީއެސްއައިޕީގެ ތަފްސީލަށް ބަލާއިރު 1200 އަށް ވުރެއް ގިނަ މަޝްރޫއު 199 ރަށެއްގައި މިދައުރުގައި ވަނީ ފަށާފައެވެ.

އެގޮތުން ފާއިތުވި މަސްދުވަހު (ޖެނުއަރީ 24ގެ ފަހުން) ގެ ތެރޭގައި ނިމުނު 7 މަޝްރޫއުތަކުގެ ތެރޭގައި ށ. ޅައިމަގު ފުޓްސަލް ދަނޑު ގާއިމު ކުރުމާއި މާލޭ ސްވިމިން ޓްރެކް ތަރައްގީކުރުމާއި ތ.ހިރިލަންދޫ ފުޓްސަލް ދަނޑު ގާއިމުކުރުމާއި ހުޅުމާލެ 03 ފުޓްސެލްދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރުން އއ. ހިމަންދޫ އައުޓްޑޯ ޖިމް ގާއިމުކުރުމާއި ވިލިމާލެ އައުޓްޑޯ ޖިމް ގާއިމުކުރުން އަދި ފ. މަގޫދޫ ފުޓްސެލްދަނޑު ގައި ނުނިމިހުރި މަސައްކަތްތައް ހިމެނެއެވެ.

މި މުއްދަތުގައި އަމަލީ މަސައްކަތް ފަށާފައި ހުރި މަޝްރޫއު ތަކަކީ ގއ. ދާންދޫ، ސ. މަރަދޫފޭދޫ، ކ. މާފުށި، ކ. ތުލުސްދޫ، ގދ. ގައްދޫ، ކ. ހިންމަފުށިި، ކ. ދިއްފުށި، ފ. ފީއަލި، ދ. މީދޫ، ގއ. ކަނޑުހުޅުދޫ، ގއ. ކޮލަމާފުށީގައި އައުޓްޑޯ ޖިމް ގާއިމުކުރުމެވެ.

އޭގެ އިތުރުން ކ. ހިންމަފުށި ބަނދަރު ހެދުން - ފޭސް 2 އާއި ދ. ބަނޑިދޫ ފުޓްސަލް ދަނޑު ގާއިމް ކުރުމާއި ނ. މަނަދޫ ފުޓުބޯޅަ ދަނޑު (ޓާފް) ތަރައްގީކުރުުމާއި ހއ. އިހަވަންދޫ ފުޓުބޯޅަ ދަނޑު ސަބްބޭސް ގާއިކުރުން އަދި ރ. އުނގޫފާރު އާ ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީކުރުން ހިމެނެއެވެ.

ފާއިތުވި ހަފްތާ (ފެބްރުއަރީ 17، 2021 - ފެބްރުއަރީ 23، 2021) ގެ ތެރޭގައި 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މި މުއްދަތުގައި އަމަލީ މަސައްކަތް ފަށާފައިވާ ތިން މަޝްރޫއަކީ ގދ. ގައްދޫ، ފ. ފީއަލި އަދި ދ. މީދޫގައި އައުޓްޑޯ ޖިމް ގާއިމު ކުރުމެވެ. މި މަޝްރޫއަކީ ޔޫތު މިނިސްޓްރީގެ ފަރާތުން ހިންގާ މަޝްރޫތަކެކެވެ.