ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ އިންޖީން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ އަލިފާން ނިއްވާލުމަށް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކައްދޫ ފަޔަ ސްޓޭޝަނުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ އެ ރަށު މީހަކު ބުނީ އެރަށުގައި ހުރި އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރު ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނާއި، ސިފައިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުން ނުކުރެވޭ ވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން އެރަށުގެ ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނަޑާލާފައިވާ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ވީ އެންމެ އަވަހަށް އިއާ ދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ވޭމަންޑޫގައި ކަރަންޓުގެ ހިދުމަތް ދެމުން ދަނީ 600 ކިލޯ ވޯޓާއި، 500 ކިލޯ ވޯޓާއި، 450 ކިލޯވޯޓުގެ 3 ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. މި ޙާދިސާގައި 3 ޖަނަރޭޓަރުވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި މި ހާދިސާގައި އިންޖީނުގެއަށާއި ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުންކުރާ ޕެނަލް ބޯޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.