އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އުޅޭ ސްޓެލްކޯގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އެ ކުންފުންޏަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށްވާއިރު މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ކަރަންޓީނަށް ދާނަމަ ހިދުމަތަށް ހުރަސް އެޅިދާނެތީ މުވައްޒަފުންނަށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން އަންގާފައިވާނެ ކަމަށެވެ.

އަދި ބައެއް މުވައްޒަފުން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އުޅޭކަމަށާއި އެކި ޑިޕާޓްމެންޓްތަކުގައި ޕޮޒިޓިވް ކޭސްތައް އެބަހުރި ކަމަށާއި ބައެއް މުވައްޒަފުން ކަރަންޓީނުގައި ތިބި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ފިޔަވަޅު އަޅަން ނިންމާފައި ވަނީ މުވައްޒަފުން ފަރުވާ ކުޑަވެގެން ނޫން ކަމަށާއި ސްޓެލްކޯއަކީ އަބަދުވެސް ހިދުމަތުގައި އޮންނަ ކުންފުންޏަކަށް ވާތީ 15 މިނެޓަށް ކަރަންޓު ކެނޑުނު ނަމަވެސް ވަރަށް ބޮޑަށް ނުތަނަވަސްކަން އޮންނާތީ ސަމާލުވެ ތިބުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އެއީ އެފަދަ ހާލަތެއްގައި މުވައްޒަފުންގެ ޝޯޓޭޖެއް އަތުއްވެއްޖެ ނަމަ މަސައްކަތަށް ބުރޫ އަރާނެތީ އެކަމުން ސަލާމަތްވާން އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުސޫލާ ހިލަފްވާ އެ ކުންފުނީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް ކަމަށް ބުނެފައި ވާއިރު، މި ފަހުން މާލެއިން ވަނީ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިފައެވެ.