ހއ. ދިއްދޫ އިން ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން އިއްޔެ އެ ރަށުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއާއެކު އެ ރަށުން މި މަހު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. ދިއްދޫއިން މިދިޔަ އަންގާރަ ދުވަހުވެސް ވަނީ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މިދިޔަ ހަފްތާގައިވެސް އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

އެ ފަސްމީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ށ. އަތޮޅު ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ވަނީ ބަދަލު ކޮށްފައެވެ.

ދިއްދޫން މިމަހު އިތުރު ފަސް ކޭސް ފެނިފައި ވާއިރު، މިދިޔަ މަހުވެސް އެރަށުން ވަނީ ދެ ކޭސް ފެނިފައެވެ. އެންމެންނަކީވެސް ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވް ވި މީހުންނެވެ.