ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރާ ދިމާކޮށް، ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް، އެ ގައުމުގައި މުޒާހަރާ ކޮށްފިއެވެ.

ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މީހުންގެ ގަބަރު، އަންދައިގެން ނައްތާ މައްސަލާގައެވެ.

2 ދުވަހުގެ މުއްދަތަށް އިމްރާން ލަންކާއަށް ކުރައްވާ ދަތުރާ ގުޅުވައިގެން ސްރީލަންކާގެ މަގުތަކުގައި އަންގާރަ ދުވަހު މުޒާހަރާ ކޮށްފައި ވަނީ މުސްލިމުން އެކަނި ނޫން ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، ރިޝާދު ބަދީއުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަބުރު ވަޅުލުމަށް އޮތް އަސާސީ ހައްގަށް އަރައިގަންނަމުން ދާ މައްސަލާގައި، އެކި ދީނުގެ، އެކި ޖިންސުގެ މީހުން ބައިވެރިވި ކަމަށާ، އެކި ޕާޓީތަކުގެ މީހުންވެސް މި ހަރަކާތުގައި ބައިވެރިވި ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ސްރީލަންކާއަށް ކުރައްވާ ދަތުރުގެ ތެރެއިން / ފޮޓޯ: ވައިޓީއައި

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ ވަނީ، ކޮވިޑްގައި މަރުވާ މީހުންގެ ގަބުރު ވަޅުލުމުގެ ހުއްދަ ދޭނެ ކަން އިއުލާން ކުރައްވާފައެވެ.

ނަމަވެސް، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ސްރީލަންކާއިން މަރުވާ މުސްލިމުންގެ ގަބުރު ވަޅުލުމުގެ ހުއްދަ ދިނުމުގައި ގޮތެއް ނިންމާމީ، ތަޖުރިބާކާރުންގެ ކޮމިޓީއިން ކަމަށް، ކޮވިޑް ކޮންޓްރޯލް ކުރުމަށް ލަންކާ ސަރުކާރުން ހަމަޖައްސަވާފައި ހުންނަވާ ސްޓޭޓް މިނިސްޓަރު، ޑރ ސުދާރްޝާނީ ފެނާންޑޯޕޫއްލޭ ވަނީ މިމަހު ކުރީކޮޅުގައި ވިދާޅުވެފައެވެ.

ގާނޫނު ހަދާ މަޖިލީހުން ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ފެނާންޑޯޕޫއްލޭ ވިދާޅުވީ، މިނިސްޓްރީގެ ނިންމުންތަކަކީ އެ މިނިސްޓްރީއިން އަމިއްލައަށް ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ. އަދި މި ނިންމުން ތަކަކީ، ފަންނީ ކޮމިޓީއަކުން ނިންމާ ނިންމުންތަކެއް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.