އެމެރިކާގެ ލޮސް އެންޖަލީސްގެ ރަށްފުށު ސަރަހައްދެއްގައި ދަތުރު ކުރަމުން ދަނިކޮށް ކާރު ފުރޮޅާލައިގެން ހިނގި އެކްސިޑެންޓްގައި، ދުނިޔޭގެ މަޝްހޫރު ގޮލްފު ކުޅުންތެރިޔާ ޓައިގާ ވުޑްސްއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފަޔަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ޓައިގާ ވުޑްސްއަށް މިހާރު ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ލޮސް އެންޖަލީސް ކައުންޓީ ޝެރީފް، އެލެކްސް ވިލަނުއޭލާ ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް، މިހާރުވެސް ތަހުގީގުތައް ކުރިއަށް ދާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލަނުއޭލާ ވިދާޅުވީ، ހާދިސާ ހިނގި ވަގުތު، ޓައިގާ ވުޑްސް ކާރު ދުއްވަމުން ދިޔައީ އާންމުކޮށް ދުއްވާ ވަރަށް ވުރެ ބާރު ސްޕީޑެއްގައި ކަމަށެވެ.

ޖީއެމްޓީ ގަޑިން އަންގާރަ ދުވަހުގެ 15:12 ހާއިރު މި އެކްސިޑެންޓް ހިނގި އިރު، ކާރުގައި އިނީ ޓައިގާ ވުޑްސް އެކަނި ކަމަށް ޝެރީފް އޮފީހުން މައުލޫމާތުދެއެވެ. ކަމާ ބެހޭ ފަރާތްތަކުން ސީންއަށް ދިޔައިރު ޓައިގާ ވުޑްސް އިނީ ސީޓް ބެލްޓު އަޅައިގެން ކަމަށާ، އޭނާގެ ހޭ ހުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް، އޭނާ އިނީ ކާރު ތެރޭގައި ތާށިވެފައި ކަމަށް އެލްއޭ ކައުންޓީ ފަޔާ ޗީފް، ޑެރީލް އޮޒްބީ ވަނީ ވިދާޅުވެފައެވެ.

ގޮލްފް ޑައިޖެސްޓަށް މައުލޫމާތު ދެމުން، ޓައިގާ ވުޑްސްގެ އޭޖެންޓް، މާކް ސްޓެއިންބާގް ބުނީ، ފަޔަށް ލިބުނު އެކި އަނިޔާތަކާ ގުޅިގެން ސާޖަރީ ހަދަމުން އަންނަ ކަމަށެވެ.

ޓައިގާ ވުޑްސްގެ ހާލާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު، އެލްއޭގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާގެ ހާލު ސީރިއަސް ކަމަށް ވަނީ ބުނެފައެވެ.