ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި އިއުލާން ކުރި ކާފިއު ހުޅުމީދޫ ފިޔަވާ އެހެން ރަށްރަށުން އުވާލަން ނިންމައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފައި ވަނީ އައްޑޫއިން ނަގާފައިވާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތަކަށް ބެލުމަށްފަހު ކަމަށެވެ.

ހުޅުމީދޫގެ ކާފިއު އުވާނުލާން ނިންމާފައި ވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލް ޕޮޒިޓިވްވެ، އެ ދެ މީހުންނާ ކޮންޓެކްޓުވި އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ފިޔަވަޅުތައް އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން ފަދަ ކަންކަން ކުރުމަށް ސޯބެ އިލްތިމާސް ކުރެއްވިއެވެ.

މިހާތަނަށް އައްޑޫއިން 79 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 399 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި މިހާތަނަށް އައްޑޫގައި 122 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައި ވެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 21 މީހުން، މީދޫއިން 8 މީހުން، މަރަދޫފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީގެ މަސައްކަތު ސައިޓަކުން 26 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. 38 އެކްޓިވް ކޭސް ހިމެނޭއިރު، މިހަތަނަށް 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 89 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ކޭސްތައް ފެންނަމުން ދާތީ ހާއްސަ ސަމާލުކަމެއް ދީގެން އައްޑޫއިން ރެމްޑަމްގެ ސާމްޕަލްތައް ނަގަމުން ދާއިރު، މިހާތަނަށް 2754 ސާމްޕަލެއް ނަގާފައިވެއެވެ.