އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ ކޭސްގެ އަދަދު 79 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި ހަތް މިހަކާއެކު މިހާތަނަށް އައްޑޫއިން ކޮވިޑަށް 79 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 399 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި މިހާތަނަށް އައްޑޫގައި 122 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 21 މީހުން، މީދޫއިން 8 މީހުން، މަރަދޫފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީގެ މަސައްކަތު ސައިޓްއިން 26 މީހަކު ޕޮޒިޓިވްވެފައިވެއެވެ. 38 އެކްޓިވް ކޭސް ހިމެނޭއިރު، މިހަތަނަށް 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 89 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ކޭސްތައް ފެންނަމުންދާތީ ހާއްސަ ސަމާލުކަމެއްދީގެން އައްޑޫއިން ރެމްޑަމްގެ ސާމްޕަލްތައް ނަގަމުންދާއިރު، މިހާތަނަށް 2754 ސާމްޕަލެއް ނަގާފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އައްޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، މިމަހު 9 ވަނަ ދުވަހު ވަނީ އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު އިއުލާން ކޮށްފައެވެ. އޭރު 7 ދުވަހުގެ މުއްދަތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާން ކުރިއިރު، އެ މުއްދަތު ހަމަވެ، އިތުރު 7 ދުވަހަށް އެ ފިޔަވަޅުތައް ވަނީ ދަންމާލާފައެވެ.