ހދ. ނޭކުރެންދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ އާދަމް ވިދާޅުވީ ނޭކުރެންދޫ މޮނިޓަރިންގެ ހާޔަތަށް ލައިފައި ވަނީ އެ ރަށުން ރިސޯޓަކަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ. އެމީހާ އަކީ އެ ރަށަށް ގޮސް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ގިނަ ދުވަހު ރަށުގައި ހުރެފައި ރިސޯޓަށް ދިޔަ މީހެއް ކަމަށް އާދަމް ވަނީ ވިދާޅުވެފައެވެ.

މި ކޭސް އާ ގުޅިގެން 8 ކޮންޓެކްޓުން މިހާތަނަށް ފާހަގަ ކުރެވިފައި ވާއިރު އެ ހުރިހާ އެންމެން ވެސް މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށް އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ މިކޭސް އާ ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ކޭސް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު އިއްޔެ ވަނީ 161 މީހުން ރާއްޖެ އިން ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 139 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުން ދާ ރިސޯޓަކުން 17 މީހެއްގެ އިތުރުން ލިވަބޯޑުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 18،930 އަށް ވަނީ އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު 16،351 އަށް ވަނީ އަރާފައެވެ.

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ މަހު 5 މީހަކު ވަނީ މަރުވެފައެވެ. އަދި މި މަހު 9 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 60 އަށް އަރާފައެވެ. އެއީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މީގެ ތެރޭގައި މި މަހުގެ 17 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖެހި ފަހުން މަރުވި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.