ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުން ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން (އެޗްއައިސީ)އިން ބުނެފިއެވެ.

އެޗްއައިސީ އިން ބުނީ އެގްޒިމް ބޭންކްގެ އޮފިޝަލުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ އާ ބައްދަލުކުރައްވާ 50 މިލިއަން ޑޮލަރުގެ ޑިފެންސް އެލްއޯސީ އާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެ އެލްއޯސީގެ ދަށުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށް އެޗްއައިސީން ވަނީ ބުނެފައެވެ.

ޑިފެންސް ދާއިރާއިން މާލީ އެހީތެރިކަން ދިނުމާ ގުޅޭ 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ދިވެހިރާއްޖެ އާ އިންޑިއާ ދެމެދު ސޮއިކޮރީ އިއްޔެއެއެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖެއާ އިންޑިއާ ދެމެދު ސޮއި ކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރުއެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެގްޒިމް ބޭންގެ ޗީފް ޖެނެރަލް މެނޭޖަރ ޝްރީ ގޯރަވް ސިންގް މަންދާރީއެވެ.