އައްޑޫ ސިޓީ ފޭދޫން އިތުރު އެކަކު ކޮވިޑަށް ޕޮޒިޓިވް ވެ މުޅި އައްޑޫން މިހާތަނަށް ފެނިފައިވާ ޖުމްލަ ކޭސްގެ އަދަދު 69 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި ފަސް މިހަކާއެކު މިހާތަނަށް އައްޑޫއިން ކޮވިޑަށް 69 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 364 މީހަކު ފާހަގަކުރެވިފައި ވާ ކަމަށާއި މިހާތަނަށް އައްޑޫގައި 194 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 21 މީހުން، މީދޫއިން 2 މީހުން، މަރަދޫފޭދޫއިން 4 މީހުން، ފޭދޫއިން 16 މީހުން އަދި އެމްޓީސީސީގެ މަސައްކަތު ސައިޓްއިން 26 މީހަކު ޕޮޒިޓިވްވެފައިވެއެވެ. 43 އެކްޓިވް ކޭސް ހިމެނޭއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 116 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ކޭސްތައް ފެންނަމުންދާތީ ހާއްސަ ސަމާލުކަމެއްދީގެން އައްޑޫއިން ރެމްޑަމްގެ ސާމްޕަލްތައް ނަގަމުންދާއިރު، މިހާތަނަށް 2408 ސާމްޕަލެއް ނަގާފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އައްޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، މިމަހު 9 ވަނަ ދުވަހު ވަނީ އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު އިއުލާން ކޮށްފައެވެ. އޭރު 7 ދުވަހުގެ މުއްދަތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާން ކުރިއިރު، އެ މުއްދަތު ހަމަވެ، އިތުރު 7 ދުވަހަށް އެ ފިޔަވަޅުތައް ވަނީ ދަންމާލާފައެވެ.