ފަތުރުވެރި ކަމުގެ އުންމީދީ އަހަރު ގުނަމުންދާ އިރު، ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް މިއަދު އައިސްފައިވާ ވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރާއްޖެއަށް މިއަހަރު ފަތުރުވެރިން އައި އަދަދުގެ ރެކޯޑް މިއަދު މުގުރާލާފައިވާ ކަމަށެވެ. އެ ގޮތުން މިއަދު 5100 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކިލަނބު ދުވަސްތަކަށް ފަހު ފަތުރުވެރިކަން ކުރިއަރާފައި މިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ފަތުރުވެރިން ރާއްޖެއަށް އައުމަށް އެތައް ކެމްޕޭންތަކެއް ކުރުމުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ޖުލައި 15 އިން ޑިސެމްބަރު 30 ގެ ނިޔަލަށް 169،964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިމަހު 17ގެ ނިޔަލަށް 147،744 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި އަހަރު ފެށުނު ފަހުން ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 145 ރިސޯޓަކާއި 362 ގެސްޓް ހައުސް އަދި ހޮޓަލެއްގެ އިތުރުން 136 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

މި އަހަރު ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.