އުތުރު ތިލަފަޅުގައި އިންޑިއާއިން ތަރައްގީކޮށްދޭ ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އުތުރު ތިލަފަޅުގައި ގާއިމުކުރަނީ އަސްކަރީ މަރުޒެއް ނޫން ކަމަށާއި އެއީ ޑޮކްޔާޑެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެ ތަނުގައި އިންޑިއާ ސިފައިން އަދި އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަސްކަރީ މަރުކަޒެއް ނޫން. މިއީ ޑޮކްޔާޑެއް. މިއީ އެލޯގްސައިޑް ބަނދަރެއް. އެހެންވީމަކާއެއް މިތަނަކުއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން މިއީ. މިތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ތަނެއް ނޫން މިއީ
ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފް

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަމުންދާ އިރު، އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށާއި އެ ތަނުގައި ހަދާ ހުރިހާ އިމާރާތްތަކާއި އެ ނޫން ވެސް ތަންތަނުގެ މަސައްކަތް އިންޑިއާގެ މީހުން ކުރާނެ ކަމަށެވެ.

މި ބަނދަރާއި ޑޮކްޔާޑާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެއީ ކޯސްޓްގާޑުގެ ސިފައިން، އެތައް އަހަރެއް ވަންދެން، ކުރަމުން އައި އުންމީދެއް ހަގީގަތަކަށް ވެގެން ދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ސިފަވަރު ޔޫޓީއެފް ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާތިންގް ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުތުރުތިލަފަޅު ހާބަރާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީއެވެ.

އެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ، ދެދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު