ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ މަނީލޯންޑަރިންއާ ގުޅޭ ފައިސާތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 07:30 ގައި ބަންގަލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ފްލައިޓް 502Q2 އިން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހެއްގެ އަތުން ތަފާތު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ. އެ ފައިސާއާ އެކު ހިފަހައްޓާފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެމައްސަލާގައި އޭނާގެ ބަންދުގެ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު އެއަޑުއެހުމުގައި ފުލުހުން ވަނީ އޭނާގެ އަތުން އަތުލައިގަތް ފައިސާއަކީ މަނީލޯންޑަރިންގެ ކުށަކާ ގުޅުންހުރި ފައިސާތަކެއް ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ވަނީ އެމީހާ ކުށްް ކޮށްފައިވަނީ ނެޓްވޯކެއްގެ ތެރެއިން ކަމަށް ބުނެފައެވެ. ފުލުހުން ވަނީ އެކަމާ ގުޅޭ ހެކިތައް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލާގައި އެމީހާ ބުނެފައިވަނީ އެފައިސާގެ ވެރިފަރާތަކީ އޭނާގެ އަވައްޓެރިއެއް ކަމަށެވެ. ނަމަވެސް ފައިސާގެ ވެރިފަރާތްކަމަށް ބުނާ ފަރާތުގެ ބަޔާނުގައި ފުށުއެރުންތައް ގިނަ ކަމަށް އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި އިއްޔެ ކޯޓުން ވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކިބަސް ދޭން ހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެތީ، އިތުރު ހަތް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައެވެ.

ފުލުހުން ބުނީ އެމީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށެވެ.

ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ދިވެހިރާއްޖެ އިން އެތެރެކުރާ ނުވަތަ ދިވެހިރާއްޖެ އިން ބޭރު ކުރާނަމަ ކަސްޓަމްސް އަށް ޑިކްލެއާ ކުރަން ޖެހެއެވެ.