މ. ކޮޅުފުށި އަނެއްކާވެސް މޮނިޓަރިން އަށް ލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް އިއްޔެ މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

މިއީ ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ. މީގެކުރިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެ ރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ ކޭސްއާއެކު އެ ރަށުގައި ބޮޑު ކްލަސްޓާއެއް އުފެދި އިތުރު 34 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކޮޅުފުށީގެ މޮނީޓަރިންގެ ހާލަތު އުވާލީ މި މަހުގެ 10 ވަނަ ދުވަހެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18،612 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 2733 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.